MTCC

ކުރިއަށް އޮތް ހައެއްކަ މަސް ދުވަހު ރަސްމީ ރިޒާވް ވަރަށް ބޮޑަށް އިތުރުވެގެންދާނެ: ރައީސް

473841_0a98b3db-4_

ކުރިއަށް އޮތް ހައެއްކަ މަސް ދުވަހު ރަސްމީ ރިޒާވް ވަރަށް ބޮޑަށް އިތުރުވެގެންދާނެ: ރައީސް

SHARE

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ރަސްމީ ރިޒާވް ކޮންމެ މަހަކުވެސް އިތުރުވެ ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ދަރަނިތައް ޚަލާސްކުރަމުން، ރައްޔިތުން އެދޭ ކަންކަމަށް މަގުފަހިކޮށްދިނުމާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުން ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތަކާއެކު ރިޒާވްގެ ހާލަތު އަންނަނީ އަލުން އާރާސްތުވަމުންނެވެ.

މިފަދަ ގޮންޖެހުންތަކާ އެކުވެސް ދައުލަތުގެ ރައްކާތެރިކަމުގެ ފަންޑުތައް ހަރުދަނާކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވެރިކަމުގެ ކުރީކޮޅު އެންމެ ދެ މިލިއަނެއްހާ ޑޮލަރު ހުރި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) މިހާރު 300 މިލިއަނަށް ވުރެ ގިނަ ޑޮލަރަށް ބޮޑުކުރެވިފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ހައެއްކަ މަސްތެރޭ ރިޒާވް ވަރަށް ބޮޑުތަނުން ކުރިއަރާނެކަމަށް ވަނީ ވިދާޅުވެފައެވެ.

"ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި މިހާރު އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެ މަހަކުވެސް ރަނގަޅުކުރަމުންގޮސް ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ޔަގީންކަން ދެއްވި ގޮތުގައި، ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ރިޒާވަށް އަންނާނެ ކުރިއެރުމާއި ތިޔާގިކަމުގެ ސަބަބުން، އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، އޭގެ ހެޔޮ މަންފާއާއި ލުއިފަސޭހަކަން ސީދާ ދިވެހި ރައްޔިތުންގެ ދިރިއުޅުމުން ފެނިގެންދާނެއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިޤްތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވް 1.3 ބިލިއަން ޑޮލަރަށް އިތުރުކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ރަސްމީ ރިޒާވް އެންމެ މައްޗަށް އުފުލުނު ފަހަރެވެ. ނަމަވެސް، ފަހުން ރިޒާވް ދަށްވާން މެދުވެރިވީ ފެބްރުއަރީ މަހު ފެށުނު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލާއި މުދަލުގެ އަގު އުފުލުމުގެ އިތުރުން، ސުކޫކުގެ ދަރަނި އަދާކުރުމަށް އެއްފަހަރާ 520 މިލިއަން ޑޮލަރު ދައްކަން ޖެހުމުންނެވެ.

ހަނގުރާމަައިގެ ސަބަބުން ކުރި އަސަރުތަކާ އެއްކޮށް ދަރަނި އަދާކުރުމަށް ކުރަންޖެހުނު މަސައްކަތަކީވެސް ރިޒާވްއަށް އެކަމުން އަސަރުކުރި ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ސުކޫކުގެ ޕޭމެންޓު ދެއްކުމަށް 520 މިލިއަނެއްހައި ޑޮލަރު އެއްފަހަރާ ދެއްކުމަކީ ރިޒާވްއަށް އެކަަމުން އަސަރުކުރި ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.