MTCC

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މުއާހަދާގެ އިހްތިޔާރީ ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވަނީ

473302_6a9f7b4b-4_

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މުއާހަދާގެ އިހްތިޔާރީ ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވަނީ

SHARE

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ އިޚްތިޔާރީ ޕްރޮޓޮކޯލް ކަމަށްވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް" (ސީ.އާރް.ޕީ.ޑީ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މި ނިންމެވުން ނިންމަވާފައިވަނީ މި މަހުގެ 20 ވީ އާދިއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ބައްދަލުވުމުގައި މިގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބައިނަލްއަޤްވާމީ މިފަދަ މުއާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ދައުލަތުން ބައިވެރިވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހެއެވެ. އެހެންކަމުން، މި ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމުގެ ރުހުން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމުގެ މައި މުއާހަދާ (ސީ.އާރް.ޕީ.ޑީ) ގައި ދިވެހިރާއްޖެއިން 5 އެޕްރީލް 2010 ގައި ސޮއިކޮށް ތަޞްދީޤުކޮށްފައި ވީނަމަވެސް، މިހާތަނަށްވެސް މި މުޢާހަދާގެ ދަށުން އެކުލަވާލާފައިވާ އިޚްތިޔާރީ ޕްރޮޓޮކޯލްގައި ރާއްޖެ ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ހާލަތު ދިރާސާކުރެވުނު އެކި ފަހަރުމަތިން، މި ޕްރޮޓޮކޯލް އަވަހަށް ތަސްދީޤުކުރުމަށް ރާއްޖެއަށް ގިނަ ލަފާތަކަކާއި ހުށަހެޅުންތަކެއް ވަނީ ލިބިފައެވެ.

މި ޕްރޮޓޮކޯލްގެ މައިގަނޑު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ ހައްޤުތައް އިތުރަށް ހަރުދަނާކޮށް، އެ ހައްޤުތައް ފުރިހަމައަށް ރައްކާތެރިކުރުމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމުތައް ޒިންމާދާރުކުރުވުމެވެ. މިގޮތުން، މި ޕްރޮޓޮކޯލް މެދުވެރިކޮށް ދެ މުހިންމު ނިޒާމެއް ޤާއިމުވެގެންދެއެވެ.

ވަކިވަކި ފަރުދުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު: ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ހައްޤަކަށް އުނިކަން އައިސްގެން، ޤައުމީ ފެންވަރުގައި ޤާނޫނީ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށްގެންވެސް އިންސާފު ނުލިބިއްޖެ ހާލަތެއްގައި، އެ މައްސަލައެއް އދ. ގެ ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދެއެވެ.

ތަހުޤީޤީ (އިންކުއަރީ) ނިޒާމު: މެންބަރު ޤައުމަކުން މި މުޢާހަދާގައިވާ ޙައްޤުތަކާ ނިޒާމީ ގޮތެއްގައި އަދި ބޮޑެތި މިންވަރުން ޚިލާފުވާކަމުގެ އިތުބާރުހުރި މައުލޫމާތެއް ލިބިއްޖެނަމަ، އެކަމާ ގުޅިގެން މިނިވަން ތަހުޤީޤެއް ނުވަތަ އިންކުއަރީއެއް ހިންގުމުގެ ބާރު އދ. ގެ ކޮމިޓީއަށް ލިބިގެންދެއެވެ.

މި ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރުމަށާއި، ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ މިންގަނޑުތައް ރާއްޖޭގައި ނެގެހެއްޓުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދާ މުހިންމު ފިޔަވަޅެކެވެ.