ގދ. ތިނަދޫގައި ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް އަމިއްލަ ކުންފުންޏަކަށް ގަވާއިދާ ޚިލާފަށް ބިން ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އެ ރަށު ކައުންސިލްގެ މިހާރުގެ މޭޔަރުގެ ހިމެނޭހެން ކުރީގެ ހަތަރު މެންބަރެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި ދައުވާކުރަން ފޮނުވަނާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމާފައިވަނީ، ތިނަދޫ ކައުންސިލެއްގެ ގޮތުގައި އޮތްއިރު ހަތަރުވަނަ ދައުރުގެ ކައުންސިލްގެ އޭރުގެ ރައީސް (މިހާރުގެ މޭޔަރު) ސައުދު އަލީގެ އިތުރުން، އެ ދައުރުގެ ކައުންސިލް މެންބަރުން ކަމުގައިވާ އާމިނަތު ނަސީމާ، އަހުމީމާ އަހުމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށެވެ. މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް އޭސީސީން ނިންމާފައިވަނީ މި ހިނގާ މަހުގެ 10 ވަނަ ދުވަހުއެވެ.
އޭސީސީން ހާމަކުރި ގޮތުގައި، ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، އާންމުކޮށް ބީލަމަށް ހުޅުވާނުލައި ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބިން ދޫކުރުމަކީ މަނާކަމެކެވެ. ނަމަވެސް، މި ގަވާއިދާ ޚިލާފަށް އެ ކުންފުންޏަށް ބިން ދޫކުރުމަށް ނިންމާފައިވަނީ ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައެވެ. މި ނިންމުމަކީ އެއްވެސް އިއުލާނު ކުރުމަކާ ނުލައި، ވަކި ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަގުސަދުގައި ނިންމާފައިވާ ނިންމުމެއް ކަމަށް ތަހުގީގަށް ވަނީ ހާމަވެފައެވެ.
ކައުންސިލްގެ މި ނިންމުމަށް އާމިނަތު ނަސީމާ، އަހުމީމާ އަހުމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރު ތާއީދުކުރައްވާފައިވާއިރު، އެ ނިންމުމުގެ ދަށުން 1 ނޮވެންބަރު 2023 ގައި ކައުންސިލްގެ ފަރާތުން ސަޢުދު ޢަލީ ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޖުމްލަ 2000 އަކަފޫޓުގެ ތިން ބިމެއް ގަވާއިދާ ޚިލާފަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށް އޭސީސީން ފާހަގަކުރެއެވެ.
އެހެންކަމުން، މި ހަތަރު ބޭފުޅުންގެ މައްޗަށްވެސް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ޕީޖީ އޮފީހަށް ވަނީ ހުށަހަޅާފައެވެ.