ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށާއި، ޕާޓީން ރަނގަޅަށް މަސައްކަތް ކޮށްފިނަމަ އެމަނިކުފާނު އެ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ އެންމެ މަތީ މަޖިލީސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަކީ މުޅި ޕާޓީގެ އިއްތިފާގުން ނިންމާފައިވާ ކަމެއް ކަމަށެވެ. ފަލާހު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒަކީ ޕާޓީގެ އެއްވެސް މެންބަރަކު ބާކީކޮށްލާނެ ވެރިއެއް ނޫނެވެ. އަދި ކޮންމެ ބޭފުޅަކު ގައުމަށާއި ޕާޓީއަށް ކޮށްދޭ ހިދުމަތްތައް އެންމެ ގާތުން، އިޚުލާސްތެރިކަމާއި ހިތްހެޔޮކަމާއެކު ބަލައިގަނެ، އެ ހިދުމަތްތަކުގެ އަގުވަޒަންކުރަން ދަންނަ ވެރިއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެންމެންގެ އިއްތިފާގުން ފާސްކުރެވިފައިވާއިރު އަޅުގަނޑުމެން ރަނގަޅަށް މަސައްކަތްކޮށްފި ކަމަށްވަންޏާ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސް ކާމިޔާބުކުރައްވާނެ،" އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެމަނިކުފާނުގެ ޒައާމަތަށް ތިން އަހަރު ފުރެން ކައިރިވަމުން އަންނައިރު، 2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައި ސާބިތުވެ ހުންނެވިކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ އެއީ މިއަދު ދިވެހި ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ. އަދި ގައުމަށް ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް ކަމެއްގައި ދިވެހި ރައްޔިތަކު ބައިވެރިނުވުމަށް ރައީސް އަބަދުވެސް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒަށް 2028 ގެ ރިޔާސީ ޓިކެޓު ދޭންޖެހޭ ގިނަ ސަބަބުތަކެއް ހުރިކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ އެމަނިކުފާނަކީ ވައުދެއް ވެއްޖެނަމަ އެކަމެއް އަމަލުން ދައްކަވައި، ރައްޔިތުންނަށް ފުއްދައިދެއްވާ ވެރިއެއް ކަމަށެވެ.
"އެމަނިކުފާނުގެ އަމަލުފުޅުތައްވެސް ހުރީ އަޅުގަނޑުމެން 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް ދޭން އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވާ ބީދައިން،" ފަލާހު ވިދާޅުވިއެވެ.
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕާއި ރައީސާ ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުވާލައްވަމުން ފަލާހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ 73 މެންބަރުން ތިއްބެވީ ރައީސްއަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރަން ތައްޔާރަށް ތިބިކަމަށާއި ރައީސްއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެއްވާނެ ކަމަށެވެ.