ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އެމްޑީޕީ ސަރުކާރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްކޮށް ދައްކާ ހަލާސްކޮށްފިއެވެ.
މިކަން ހާމަކޮށް މިނިސްޓްރީ އޮފް ފައިނޭންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު މިއަދު ދައްކާފައިވާ ކަމަށާއި، މިއާއެކު އެ ފެސިލިޓީގެ ދަށުން ނަގާފައިވާ މުޅި ދަރަނި މިހާރު އެއްކޮށް އަދާކުރެވިފައިވާ ކަމަށެވެ.
ބަޖެޓަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި ނެގި މި ދަރަނި އަނބުރާ ދައްކާފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، މި ސަރުކާރުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، މިއަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ވަނީ އިތުރު 50 މިލިއަން ޑޮލަރު ދައްކައިފައެވެ. އަދި ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތަށް މިއަދު ދެއްކުމާއެކު، 150 މިލިއަން ޑޮލަރުގެ މި ބޮޑު ދަރަނި ސަރުކާރުން މިވަނީ ކާމިޔާބުކަމާއެކު އެއްކޮށް ދައްކާ ނިންމާލާފައެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ މުދާ މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖެހިފައިވާ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލަމުން ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިދިޔަ އޮގަސްޓުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރަށް އަރާފައެވެ. އެހެންކަމުން، މި ދަރަނި ދެއްކުމުގެ ސަބަބުން އަސާސީ އަދި ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ސަރުކާރުން ވަނީ ސާފުކޮށްދީފައެވެ.
ދައުލަތުގެ މާލީ ކަންކަން ހަރުދަނާކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ސަރުކާރުން ދަރަނި ބެލެހެއްޓުމުގައި އަބަދުވެސް އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާއެކު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ގަވާއިދުން ފައިސާ ޖަމާކުރުމާއި، ދަރަނިތައް ދައްކަންޖެހޭ މުއްދަތުގެ މާ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެކުވެރި ދޭދޭ ގައުމުތަކާއެކު ސަރުކާރުން ކުރިއަށްގެންދާ މަތީ ފަންތީގެ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މި މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން ވަނީ، ޒިންމާދާރުކަމާއެކު ގައުމުގެ ދަރަނި މެނޭޖުކުރުމާއި، ގައުމީ ރިޒާވް ހަރުދަނާކޮށް، ދިވެހި ލޮބުވެތި ރައްޔިތުންނަށް ބޭނުންވާ އެންމެހައި އަސާސީ އަދި ޒަރޫރީ ޚިދުމަތްތައް އެއްވެސް ހުއްޓުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގައި ސަރުކާރު އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.