MTCC

މާލެ ޓެކްސީ ލައިނުން ތިން މަސްތެރޭ 157،000 އަށްވުރެ ގިނަ ދަތުރު

HK8eoW5bkAAbzcg-rp337139456nrrcguqg9rx114eqtltjqh8qnm8l4so

މާލެ ޓެކްސީ ލައިނުން ތިން މަސްތެރޭ 157،000 އަށްވުރެ ގިނަ ދަތުރު

SHARE

ވެރިރަށް މާލެއާއި ގުޅިފައިވާ ސަރަޙައްދުތަކުގެ ޓެކްސީ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދިން "މާލެ ޓެކްސީ" މޯބައިލް އެޕްލިކޭޝަނަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބި، ފާއިތުވީ ތިންމަސްތެރޭ 157،000 އަށްވުރެ ގިނަ ދަތުރުކޮށްފިއެވެ.

އެމްޓީސީސީން ޢާންމުކުރި އެންމެ ފަހުގެ މަޢުލޫމާތުތައް ދައްކާގޮތުން، މި އެޕް ބޭނުންކުރަން ފެށިތާ ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި 157,971 ދަތުރު ވަނީ ކޮށްފައެވެ.

ސަރުކާރުން މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ފެށި މި ޚިދުމަތުގައި، މިހާތަނަށް 52،000 އަށްވުރެ ގިނަ ކަސްޓަމަރުން ވަނީ ރަޖިސްޓްރީވެފައެވެ. މިއަހަރުގެ އޭޕްރީލް މަހު ވެބްސައިޓެއް މެދުވެރިކޮށް ޚިދުމަތް ފެށި ނަމަވެސް، ޖޫން މަހުގެ 2 ވަނަ ދުވަހު ތަޢާރަފުކުރި މޯބައިލް އެޕްލިކޭޝަނާއެކު މި ޚިދުމަތް ހޯދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

"މާލެ ޓެކްސީ" ޚިދުމަތަކީ އެއްގަމު ދަތުރުފަތުރުގެ ދާއިރާއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ސައްތައިންސައްތަ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތައް ބޭނުންކޮށްގެން ދޭ ޚިދުމަތެކެވެ. މި މަޝްރޫޢަށް ޚާއްޞަކޮށްގެން ދުނިޔޭގެ މަޤްބޫލު ބްރޭންޑެއް ކަމަށްވާ "ޗަންގަން އޮޓޯމޮބިލް" ގެ ތަފާތު ތިން ސައިޒެއްގެ 150 ކާރު ބޭނުންކުރަމުން އަންނައިރު، މިއީ ހުއްޓުމެއްނެތި 24 ގަޑިއިރު ދެމުން އަންނަ ޚިދުމަތެކެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ މި އެޕްލިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް ވަގުތުން ޓެކްސީ ހޯދުމުގެ އިތުރުން، ދުރާލައި ދަތުރުތައް ތާވަލުކުރުމުގެ ފުރުޞަތުވެސް ލިބެއެވެ. އަދި ފައިސާ ދެއްކުމުގައި އެޕްގެ ޑިޖިޓަލް ވޮލެޓާއި، ބޭންކް ކާޑު އަދި ކިއުއާރް ކޯޑު ސްކޭން ކޮށްގެން ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް "އިމަޖެންސީ ފީޗަރ" އެއް ހިމަނާފައިވާއިރު، ޓެކްސީ ތެރޭގައި ތަކެތި ބޭއްވިއްޖެ ހާލަތެއްގައި އެ ތަކެތި ހޯދުމަށް އެޕް މެދުވެރިކޮށް ރިޕޯޓްކުރެވޭނެ ނިޒާމެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

ސްމާޓްފޯން ބޭނުންނުކުރާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1655 މެދުވެރިކޮށް އަދި ވެބްސައިޓުންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މާލެއާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް އިތުބާރު ހުރި، އަގުހެޔޮ އަދި ތިމާވެއްޓާ ރައްޓެހި ޚިދުމަތެއްގެ ގޮތުގައި "މާލެ ޓެކްސީ" ވެގެން ގޮސްފައިވަނީ އާންމުންގެ ދިރިއުޅުމަށް ބޮޑު ލުޔެއް ގެނެސްދިން ޚިދުމަތަކަށެވެ.