ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހަށް ހޮވަންޖެހޭ އާންމު 18 މެންބަރުން، އެ ޕާޓީގެ މަތީ މަޖިލީހުގެ (ކޮންގްރެސް) ބައްދަލުވުމުގައި އިންތިޚާބުކޮށްފިއެވެ.
މިހާރު ކުރިއަށްދާ ޕީއެންސީގެ މި މުހިންމު ބައްދަލުވުމުގެ ސެޘަންތައް ހާއްސަ ކުރެވުނީ ޕާޓީގެ އިސް މަޤާމުތަކަށާއި މެންބަރުންގެ މަޖިލީހަށް ބޭފުޅުން ހޮވުމަށެވެ. އެގޮތުން، ޕާޓީގެ 6 ނައިބު ރައީސުން ހޮވުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިތަކަށާއި، ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ވާދަކުރި އާންމު 18 ގޮނޑިއަށް ބޭފުޅުން އިންތިޚާބުކުރުމަށް ވަނީ ވޯޓު ނަގާފައެވެ.
މެންބަރުންގެ މަޖިލީހުގެ އާންމު 18 މަޤާމަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، މި ގޮނޑިތަކަށް 70 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. ގިނަ އަދަދެއްގެ މަންދޫބުން ވޯޓުލީ މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން 18 ބޭފުޅަކު މިހާރު ވަނީ މި މަޤާމުތައް ކާމިޔާބު ކުރައްވާފައެވެ. މި ވޯޓުން އިންތިހާބުވެވަޑައގަތް ބޭފުޅުން މަގާމުތަކާ ހަވާލުވެވަޑައިގަންނަވާނީ މިރޭ އޮންނަ ރަސްމިއްޔާތުގައި މަގާމުގެ އިގުރާރުކުރެއްވުމަށްފަހުއެވެ. ކުރިއަށްދިޔަ އިންތިހާބުގައި 1،200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ އިތުރުން، މި ކޮންގްރެސްގެ ތެރެއިން ސަރުކާރުގެ ވުޒާރާތަކާއި އެކި މުއައްސަސާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މަންދޫބުންނަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މަތީ މަޖިލީހުގެ ބައްދަލުވުންތަކުގެ ހަވާސާގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވުޒާރާތަކުގެ އިސްވެރިންނާ ބައްދަލުކޮށް، ރަށްރަށުގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި މަސައްކަތްތަކުގެ މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ވަނީ ތަނަވަސްކޮށްދީފައެވެ.