MTCC

ބިދޭސީން ލައްވާ ގަވާއިދާ ހިލާފަށް ޑޮލަރު ވިޔަފާރިކުރުވާ ދިވެހިންނަށް ބޮޑު ޖޫރިމަނާއެއް!

IMG_8339

ބިދޭސީން ލައްވާ ގަވާއިދާ ހިލާފަށް ޑޮލަރު ވިޔަފާރިކުރުވާ ދިވެހިންނަށް ބޮޑު ޖޫރިމަނާއެއް!

SHARE

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ ނެޓްވޯކްތަކުގައި ބިދޭސީން ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ރާއްޖެއިން ބޭރަށް ޑޮލަރު ސްމަގްލް ކުރާ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް އެ ފައިސާ މާރުކުރެވޭނީ ހަމައެކަނި ބޭންކުތައް ނުވަތަ އެމްއެމްއޭގެ ހުއްދަ އޮންނަ މަނީ އެކްސްޗޭންޖްތައް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް އެއްވެސް ހުއްދައެއް ނެތި ވިޔަފާރިވެރިންނަށް ޑޮލަރު ވިއްކަމުންދާ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، މިއީ ޖިނާއީ ކުށެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޖިނާއީ ކުށެއް ކޮށްގެން ހޯދާ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރުމަކީ 'މަނީ ލޯންޑްރިން' ގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް ވަޒީރު ހަނދާންކޮށްދެއްވިއެވެ.

ވަޒީރު ހާމަކުރެއްވި ގޮތުގައި، ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ގާއިމުކުރި ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކުގެ އަލީގައި، ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރަމުން ދިޔަ 12 ބިދޭސީއެއްގެ މައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ. އަދި އޭގެ ތެރެއިން 9 މީހަކު މިހާރު ވެސް ވަނީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ހައްޔަރުކޮށްފައެވެ.

ވަޒީރު އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ކަންމަތީ ފިހާރަތަކަކީ ޑޮލަރު މާރުކުރާ ހަބުތަކެއްގެ ގޮތުގައި ދަނީ ބޭނުންކުރަމުންނެވެ. އެގޮތުން ބިދޭސީންނަށް ލިބޭ މުސާރަތައް ދިވެހި ވިޔަފާރިވެރިންގެ އެކައުންޓްތަކަށް ޖަމާކުރުމަށްފަހު، އެ ފައިސާ ކޮންމެ ދުވަހަކު ޑޮލަރަށް ބަދަލުކޮށް، އެއްކުރާ ޑޮލަރުތައް ފޮރުވައިގެން ރާއްޖެއިން ބޭރަށް ސްމަގްލް ކުރަން އުޅެނިކޮށް ބޯޑަރުން ވެސް ވަނީ އަތުލައިގަނެވިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ޓީޓީ ހެދުމުގައި ބޮޑެތި މަކަރާއި ހީލަތް ހަދައި، ވިޔަފާރިއާއި މުސާރައިގެ ފައިސާ ބޭރުކުރުމަށް އެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތައް ވެސް ދަނީ ތަހުގީގުކުރަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރުކުރުމުން ދިވެހިންގެ ފަރާތުން ފެންނަ އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ވަޒީރު ވިދާޅުވީ، މަގުމަތީގައި ޑޮލަރުގެ ކަޅު ބާޒާރު ހިންގަން އުޅޭ ބިދޭސީން ހިފެހެއްޓުމުން، އެއީ ގޭގައި ކައްކާ މީހާ ނުވަތަ ޑްރައިވަރު ކަމަށް ބުނެ އެ މީހުން ދިފާއުކުރަން ދިވެހިން އަންނަ އައުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ބިދޭސީން މަގުމައްޗަށް ދޫކޮށްލުމަށްފަހު، އެ މީހުން ކުރާ ކަންކަން ނުބަލައި އިހުމާލުވާ ކޮންމެ ދިވެއްސަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވަޒީރު ދެއްވިއެވެ.

"މީގެ ކުރީ ސަރުކާރުތަކުން ގާނޫނުތައް ތަންފީޒުނުކޮށް އޮތުމަކީ އެ ގާނޫނުތައް މުގުރާލުމަށް ލިބޭ ލައިސަންސެއް ނޫން. ބިދޭސީން ގެންނަ ފަރާތްތަކުން އެމީހުންގެ ޒިންމާ ނަގަން ޖެހޭނެ،" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށްޓަކައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި މުހިންމު އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 31 ގައި ތަސްދީގު ކުރައްވާފައެވެ. މި ބަދަލުތަކާއެކު، ބޭންކިން ނިޒާމުގެ ބޭރުން ހިންގާ މުއާމަލާތްތައް ހުއްޓުވައި، ރަސްމީ ރޭޓުގައި ރައްޔިތުންނަށާއި ވިޔަފާރިތަކަށް ޑޮލަރު ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.