MTCC

ހއ. ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

BFEB3632-4BC0-46D0-AC69-230F932DA53B

ހއ. ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި

SHARE

ބާރަށު ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތާއި، ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ސަރުކާރުން މިއަދު ޙަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުﷲ ރާފިޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.

ބާރަށު ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ރަށު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ޓާފް އެޅުމާއި، ބައުންޑަރީ ފާރު ރޭނުމާއި، ފެންސު ޖެހުން އަދި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. ޖުމްލަ 13.64 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 200 ދުވަހުގެ މުއްދަތެކެވެ. ދިވެހި ތާރީޚާ ގުޅިފައިވާ ރީތި ބާރަށަކީ 2,147 މީހުންގެ އާބާދީއެއް އޮންނަ، ފުޓްބޯޅައަށް ވަރަށް ފޯރި ހުންނަ ޒުވާނުންތަކެއް ދިރިއުޅޭ ރަށެކެވެ.

ތުރާކުނު ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ރަށު ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމާއި ރޮސްޓްރަމް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ޖުމްލަ 7.82 މިލިއަން ރުފިޔާއަށް ހަވާލުކުރެވުނު މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 250 ދުވަހުގެ ތެރޭގައެވެ. ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ، 427 މީހުންގެ އާބާދީއެއް އޮތް ތުރާކުނަކީވެސް ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންތަކެއް ދިރިއުޅޭ ރަށެކެވެ.

މި ދެ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މި ދެ މަޝްރޫޢުގެ މަސައްކަތް ނިމުމުން، ދެ ރަށުގެ ރައްޔިތުންނަށް ޞިއްޙީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.