MTCC

ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތް، އައްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ އަށް ނިސްބަތްކޮށްފި

IMG_8297

ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތް، އައްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ އަށް ނިސްބަތްކޮށްފި

SHARE

އެއްފަހަރާ ދިހަ ހާހަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ ފަދަ ބޮޑު މިސްކިތަކާއި އިސްލާމީ ތަމައްދުންގެ މަރުކަޒެއް ހިމެނޭހެން ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތް،  ހިޖުރައިން 548 ވަނަ އަހަރު ދިވެހިރާއްޖޭގެ ރަސްކަލުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްދީން އިޚްތިޔާރުކުރެއްވި އައްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ އަށް ނިސްބަތްކުރައްވަން ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ހިޖުރައިން 548 ވަނަ އަހަރު ދިވެހިރާއްޖޭގެ ރަސްކަލުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްދީން އިޚްތިޔާރުކުރެއްވި އައްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ އިސްލާމްދީން ޤަބޫލުފުޅު ކުރެއްވުމަކީ، ދިވެހިރާއްޖެ އިސްލާމީ ދައުލަތަކަށް ބަދަލުވެ، ޤަރުނުތަކަކަށް ދެމިގެންދިޔަ ރޫޙާނީ އަދި ތަމައްދުންގެ މުހިންމު ދަތުރުގެ ފެށުމެވެ.

މި މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް މި ފެށެނީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. މިއީ އެ މަތިވެރި ޒިކުރާ އާކުރުމަށާއި، ރާއްޖޭގެ ތާރީޚާއި އަމިއްލަވަންތަކަމުގެ މުހިންމު ބަހާއެއްގެ ގޮތުގައިވާ މުއްސަނދި އިސްލާމީ ތަރިކަ ދައްކުވައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ތާރީޚީ އަސްލުތަކާއި ޒަމާނީ ރޫޙު އެކުލެވޭ ގޮތަށް ބިނާކުރާ މި މަރުކަޒަކީ ދިވެހިންގެ ކެތްތެރިކަމާއި، ސުލްޙަވެރިކަމާއި، އަމާންކަން ރަމްޒުކޮށްދޭނެ ތަނެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ބޮޑު މިސްކިތުގެ އިތުރުން ތަޢުލީމީ އަދި ސަގާފަތް ދިރުވައިއާލާކުރާ މަރުކަޒަކާއި، އިދާރީ އޮފީސްތަކާއި، އިސްލާމީ ކުތުބުޚާނާއަކާއި، ކީރިތި ޤުރުއާނާ ބެހޭ ދާރުލްއާސާރަކާއި، މަލްޓިޕާޕަސް ހޯލެއް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ޒިޔާރަތްކުރާ މީހުންނަށް ޚާއްޞަ ސަރަޙައްދަކާއި، އިސްލާމީ ފޮތް ފިހާރައަކާއި، ހަނދާނީ ހަދިޔާ ވިއްކާ ތަނެއްގެ އިތުރުން އެގްޒިބިޝަން ހޯލެއްވެސް މި އިމާރާތުގައި ހުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ތަމައްދުންގެ މަރުކަޒުން ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖެ އިސްލާމްވި ތާރީޚާއި، ރާއްޖޭގައި އިސްލާމީ ތަމައްދުން ތަރައްޤީވަމުން އައި ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ވޭތުވެދިޔަ 900 އަހަރު ތެރޭގައި އިސްލާމްދީނަށް ޚިދުމަތްކުރެއްވި ޢިލްމުވެރިންނާއި ރަސްރަސްކަލުންގެ ތާރީޚީ މަސައްކަތްތައް ވެސް ދައްކައިދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ އިސްލާމީ ސަގާފަތް ދުނިޔެއަށް ދައްކުވައިދޭނެ ފަތުރުވެރިކަމުގެ މުހިންމު މަންޒިލަކަށްވެސް ވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވޖއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދީނީ، ތަޢުލީމީ އަދި އިޖުތިމާޢީ މަޤްޞަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެހީތެރިވެދޭނެ ވަޤުފް މަޝްރޫޢުތަކެއްވެސް މި މިސްކިތާއެކު ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އިޢުލާންކުރައްވައި، ހަޤީޤަތަކަށް ހެއްދެވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ އަލް ރާޖީ ކުންފުނީގެ ދީލަތި އެހީގައެވެ. މި މަސައްކަތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ފުރިހަމަ އެއްބާރުލުންވެސް ލިބެމުންދެއެވެ.

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމުމަށް އަމާޒު ހިފާފައިވާ މި ތާރީޚީ ބޮޑު މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ.