MTCC

ވެޓް މާރުކޭޓު ހިންގުން މިފްކޯއާ ހަވާލުކުރަން ނިންމައިފި

437756-3-ae1944dc0703013d1b4b41369b1cbe65301e6bc2-876x566

ވެޓް މާރުކޭޓު ހިންގުން މިފްކޯއާ ހަވާލުކުރަން ނިންމައިފި

SHARE

މާލޭގެ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓު ހިމެނޭ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ވެޓް މާކެޓް" މަޝްރޫއު ނިމުމުން، އެތަން ބަލަހައްޓައި އޮޕަރޭޓްކުރުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ހަވާލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ރައީސް ވިދާޅުވި ގޮތުގައި އެގްރޯނެޓް ވެސް މިފްކޯގެ ދަށަށް ބަދަލުކުރުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި މި އާ މާރުކޭޓަކީ ދައުލަތުން އިތުރު ހަރަދެއް ކުރަންނުޖެހި، ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޓްކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގައި ހިންގޭނީ މިފްކޯއަށް ކަމަށްވާތީ އެ ކުންފުންޏާ މި މަސްއޫލިއްޔަތު ހަވާލުކުރަން ނިންމެވީ ކަމަށް ރައީސް ވިދާޅުވިއެވެ.

"މާލޭގައި މިހާރު ސަރުކާރުން އަޅަން ނިންމައި، އެތަން އަޅަން ފެށުމަށް ތައްޔާރީތައް ވަމުންދާ މިކްސްޑް މާކެޓް، މަސްވެރިންގެ އަދި ދަނޑުވެރިންނާއި އެކި ފަރާތްތަކުގެ ތަކެތި ވިއްކުމަށްޓަކައި ގާއިމުކުރާ ޒަމާނީ ސްޓޭޓް އޮފް ތާޑް މާރުކޭޓު، ހަދައި ނިންމައި އެތަން ހިންގައި އޮޕަރޭޓްކުރުން ހަވާލުކުރެވޭނީ މިފްކޯއާ." ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މަސްވެރިންނާއި ދަނޑުވެރިންގެ އިތުރުން އެކި ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމަށްޓަކައި މާލޭގައި ގާއިމުކުރާ މި ޒަމާނީ "މިކްސްޑް މާކެޓް" ހުޅުވުމުން އެތަނުގެ ހުރިހާ ހިންގުމެއް ބަލަހައްޓާނީ މިފްކޯއިން ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އަމާޒަކީ 2027 ވަނަ އަހަރުގެ ޑިސެމްބަރު 10 އަށް އެތަނުގެ މަސައްކަތް ނިންމައި ހުޅުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މާލެ ވެޓް މާކެޓް ކޮމްޕްލެކްސް" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ މާލޭގެ މާރުކޭޓުތަކުގެ އިންފްރާސްޓްރަކްޗާ ބަދަލުކޮށް، ހުރިހާ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށްދަނީ ލޯކަލް މާރުކޭޓު ހުރި ސަރަހައްދުން 17,558 އަކަފޫޓުގެ ބިމެއްގައެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މި މަސައްކަތް ކުރުމަށް ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހުއެވެ.

މި އިމާރާތް ފަރުމާކޮށްފައިވަނީ މަސްމާރުކޭޓާ ކުރިމަތިން އޮތް ހިއްކި ބިމުގައި، ބޭސްމަންޓާއެކު 5 ފަންގިފިލާ ހިމެނޭ ގޮތަށެވެ. މީގެ ތެރެއިން ފުރަތަމަ ތިން ފަންގިފިލާ ހާއްސަކުރެވޭނީ ތަރުކާރީ އާއި މޭވާ ވިއްކާ މާރުކޭޓަށެވެ. އަދި އެންމެ މަތީ ފަންގިފިލާ ތަރައްގީކުރާނީ ކާބޯތަކެތީގެ ހިދުމަތްދޭ ފުޑް ކޯޓެއްގެ ގޮތުގައެވެ.