MTCC
images

އާރްޑީސީ އާއި ފެނަކަ އަދި އެގްރޯނެޓް އުވާލަނީ

SHARE

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ދެކުންފުނި އުވާލުމަށްފަހު، ، އެ ކުންފުނިތަކުގެ ޚިދުމަތްތައް ސްޓެލްކޯ އާއި އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކައިގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ހިންގާފައިވާ ބޮޑެތި ޖަރީމާތައް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުތަކުން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އަދި ފެނަކައިގެ ހާލަތު ރަނގަޅު ކުރުމަށް މީގެ ކުރިން ތަފާތު ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަންކަން ނޫން ކަމަށް ފަންނީ މާހިރުން ލަފާދެއްވާފައިވާ ކަމަށް ރައީސް ހާމަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިހާރު ނިންމާފައިވަނީ ފެނަކަ އެއްކޮށް އުވާލުމަށްފަހު، އެ ކުންފުނިން ދެމުންދިޔަ ހުރިހާ ޚިދުމަތްތަކެއް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށެވެ. މިއާއެކު، މުޅި ރާއްޖެއަށް ކަރަންޓާއި ފެނުގެ ޚިދުމަތް ދޭނީ ސްޓެލްކޯއިންނެވެ. މީގެ އިތުރުން، މަގުހެދުމުގެ މަސައްކަތް ކުރަމުން އަންނަ އާރްޑީސީ ވެސް އުވާލައި، އެ ކުންފުނި އެމްޓީސީސީއާ އެއްކޮށްލަން ވަނީ ނިންމާފައެވެ. އެމްޓީސީސީން ވެސް މަގުހެދުމުގެ މަސައްކަތް ކުރަމުންދާއިރު، ދެ ކުންފުންޏަކުން އެއް މަސައްކަތެއް ކުރުމަކީ ޚަރަދު ބޮޑުވެ، ވަސީލަތްތައް ފުށުއަރާ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"މިހާރު ނިންމާފައި މިވަނީ ފެނަކަ އުވާލުމަށްފަހު ސްޓެލްކޯއާ އެއްކޮށްލަން، އެހެންވީމަ މުޅި ރާއްޖޭގައި މި ހިދުމަތް ދޭނީ ދެން ސްޓެލްކޯއިން، އެހެންވީމަ ފެނަކައިން ކުރަމުން އައި މަސައްކަތް އެއްކޮށް ސްޓެލްކޯގެ ދަށަށް ބަދަލުކުރެވި ފެނަކަ އެއްކޮށް އުވާލެވިގެންދާނެ، ހަމައެއާއެކީގައި އާރްޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ނިންމާފައި، އާރްޑީސީން ކުރަމުން ދަނީ މަގުހެދުމުގެ މަސައްކަތް، އެމްޓީސީސީންވެސް ކުރަނީ މި މަސައްކަތް، ޑްޕްލިކޭޝަން ވަރަށް ގިނަ، ހަރަދު ވަރަށް ގިނަ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އާރްޑީސީ އެމްޓީސީސީއާ އެއްކޮށްލުމުން އެމްޓީސީސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބޮޑުވެ، ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތަކުގެ ރާސްތާ ހަރުދަނާވެ، ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މުވައްޒަފުންގެ އަދަދު ހަމަޖެހި، އިސްރާފުތައް މަދުވެގެންދާނެ ކަމަށެވެ.

ފެނަކަ އާއި އާރުޑީސީގެ އިތުރުން އެގްރޯނެޓް ކުންފުނިވެސް އުވާލައި އެކުންފުންޏަކީ މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރުމަށް ކެބިނެޓުން އިއްޔެ ނިންމާފައިވާއިރު، އެގްރޯނެޓް މިފްކޯގެ ދަށަށް ގެންދިޔުމަށްފަހު މާލޭ ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައި ތަރައްގީކުރާ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ގެ ހިންގުން މިފްކޯގެ ދަށަށް ބަދަލުކުރެވޭނެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަށް މި ކޮމްޕްލެކްސްގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.

ކުންފުނިތައް އެއްކޮށްލުމާއި އުވާލުމާ ގުޅޭ އިދާރީ އަދި ގާނޫނީ އެންމެހާ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ކަމާބެހޭ މުއައްސަސާތަކުން ބާރުމިނެއްގައި ކުރިއަށް ގެންދާނެއެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ހުރިހާ ބަދަލެއްގެ ވެސް އަސްލު ބޭނުމަކީ އިސްރާފު ކުޑަ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އުމްރާނީ ތަރައްގީގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ.