ފޯނު ކޯލްތަކާއި އިންޓަވިއުތައް ލައިވްކޮށް ބްރޯޑްކާސްޓްކުރާނަމަ، އެ މުޢާމަލާތެއްގައި ބައިވެރިވާ ފަރާތްތަކަށް އެކަން ސާފުކޮށް އަންގަންޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ހަނދާންކޮށްދީފިއެވެ.
އެމްއެމްބީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލައިވް ޕްރޮގްރާމްތައް ހިމެނޭހެން ފޯނު ކޯލްތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓް ކުރުމުގައި މީޑިއާ އިދާރާތަކާއި ނޫސްވެރިން ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިތުރުން ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބަންޖެހޭނެ ކަމަށެވެ. ޚާއްޞަކޮށް، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޒާތީ މުޢާމަލާތްތަކުގެ ޙުރުމަތްތެރިކަމާއި އަމިއްލަ ދިރިއުޅުމުގެ ރައްކާތެރިކަމަށް މީޑިއާތަކުން ފުރިހަމައަށް އިޙްތިރާމްކުރަންޖެހޭނެ ކަމަށް އެ ކޮމިޝަނުން ފާހަގަކުރިއެވެ.
މީގެއިތުރުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު ރައްކާތެރިކުރުމާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުން ލާޒިމުކުރާކަން އެމްއެމްބީސީން ވަނީ ހަނދާންކޮށްދީފައެވެ. އެހެންކަމުން، މީޑިއާއަކަށް ޖަވާބުދޭ މީހަކީ އެ މުޢާމަލާތެއް ޢާންމުކޮށް ފޮނުވުމަށް އިޢުތިރާޒެއް ނެތް މީހެއްކަން ކަށަވަރުކުރުމަށާއި، ވަގުތުން ދުރަށްދައްކާ ފޯނު ކޯލެއްނަމަ އެކަން އެ މީހަކަށް ކުރިން އެނގިފައި އޮތުމަކީ މަޖުބޫރު ކަމެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.
ހަމައެއާއެކު، އެއްވެސް މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ރެކޯޑުކޮށްފައިވާ އަޑުތަކާއި ހޯދާފައިވާ މަޢުލޫމާތުތައް ޢާންމުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެމްބީސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޒިންމާދާރު، ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ފަރުދުންގެ ސިއްރުތަކާއި އަބުރު ރައްކާތެރިކުރުމުގައި ހުރިހާ މީޑިއާތަކަކުންވެސް އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.