ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުޑަދޮރުތަކާއި ބެލްކަނީގެ ރެއިލިންގ ފަދަ ތަންތަން މަރާމާތުކޮށް ގަވާއިދަށް ފެއްތުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި މި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުންނެވެ. މި ފުރުސަތަކީ އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހުޅުވާލެވުނު ފުރުސަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން، އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކާއި އިމާރާތްތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގިނަ މަސައްކަތްތަކެއް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
މި އެހީތެރިކަން ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ 30 ވާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް ކަނޑައެޅިފައިވާ ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޑީސީން ވަނީ އަންގާފައެވެ.
އެޗްޑީސީން އިތުރަށް ބުނީ، މި ޕްރޮގްރާމާ ގުޅޭ ތަފުސީލީ މައުލޫމާތާއި ފޯމު އެ ކޯޕަރޭޝަންގެ ރަސްމީ ޕްލެޓްފޯމުތައް މެދުވެރިކޮށް މިހާރު ލިބެން ހުންނާނެ ކަމަށެވެ.