MTCC

އޭޑީބީން ރާއްޖެއަށްދޭ 50 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފި

HP2EWs_acAA-cA8

އޭޑީބީން ރާއްޖެއަށްދޭ 50 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފި

SHARE

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ފެނާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 771 މިލިއަން ރުފިޔާ) ގެ ލޯނު ދިވެހި ސަރުކާރަށް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

"އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ސޮއިކުރެއްވި އިރު، އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓުގެ ހެޑް ޑރ. ތިއަމް ހީ އަންގްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯގެ އިތުރުން އޭޑީބީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އެހީގެ މައިގަނޑު މަޤްޞަދަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ތެޔޮ އެތެރެކުރުމަށް ދައުލަތުން ކުރަންޖެހޭ ޚަރަދު އިތުރުވެފައިވާ މި ދަނޑިވަޅުގައި ބަޖެޓަށް ބޮޑު ލުޔެއް ހޯދައިދިނުމެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލުއި ޝަރުތުތަކާއެކު ލިބޭ މިފަދަ "ކޮންސެޝަނަލް ފައިނޭންސިންގ" ފެސިލިޓީތަކުގެ ސަބަބުން، ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

އޭޑީބީގެ މި އެހީގެ ކުރިން، ވޯލްޑް ބޭންކުން ވެސް ވަނީ މެއި މަހު ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ. އެއީ ހިނގަމުންދާ އެހެން މަޝްރޫއުތަކުން ތެޔޮ އެތެރެކުރުމަށް ބަދަލުކުރި ފައިސާއެވެ. މި ދެ އެހީއާއެކު، ތެޔޮ ގަތުމަށާއި ގުޅުންހުރި ޚިދުމަތްތަކަށް އޭޑީބީއާއި ވޯލްޑް ބޭންކުން ހަމަޖައްސައިދިން ފައިސާގެ ޖުމްލަ އަދަދު ވަނީ 90 މިލިއަން ޑޮލަރަށް އަރާފައެވެ.