ދިވެހި މުޖުތަމައުގައި ބުލީކުރުމުގެ ނުރައްކާތެރި އާދަ އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި "އެންޓި-ބުލީން" ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ "ޕަލްސް ޕޮޑްކާސްޓް" ސީރީޒްގެ 5 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަސައްކަތަކީ ބުލީކުރުމުގެ މައްސަލަތަކަށް ދާއިމީ އަދި ހަރުދަނާ ޤާނޫނީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ފެއްޓެވި މުހިންމު މަސައްކަތެކެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ޤާނޫނު އެކުލަވާލުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދަނީ މި ދާއިރާގެ ފަންނީ މާހިރުންނާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ މަޝްވަރާއާ އެކުގައެވެ. މި ޤާނޫނުގެ ދަށުން ބުލީކުރުމުގެ މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ސެންޓްރަލް އެޖެންސީއެއް ގާއިމްކުރެވި، މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލެވޭނެއެވެ. މީގެ އިތުރުން، ސްކޫލް މަންހަޖުގެ ތެރެއިން ބުލީއާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި ސިޔާސަތުގެ މުހިންމު ބައެކެވެ.
މި މައްސަލައިގެ ނަފްސާނީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން އިތުރަށް ހަރުދަނާކުރުމާއި، އާސަންދަ މެދުވެރިކޮށް ނަފްސާނީ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ލިބުނު ބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ބުލީކުރުމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ދަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ދަނީ ރާއްޖޭގައި އައު މެންޓަލް ހެލްތު ފެސިލިޓީއެއް ގާއިމްކުރުމަށާއި، ހޮސްޕިޓަލްތަކުން ލިބޭ ނަފްސާނީ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމަށް ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންނެވެ.
މި ޤާނޫނު އެކުލަވާލުމުގެ މަސައްކަތް ފެށިފައިވާކަން ރައީސް މުޢިއްޒު އެންމެ ފުރަތަމަ ހާމަކުރެއްވީ މިދިޔަ އޭޕްރީލް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި މަސައްކަތްތަކުގެ ސަބަބުން މުޖުތަމައުގައި ބުލީކުރުމުގެ މައްސަލަތައް މަދުވެ، ރައްކާތެރި މާހައުލެއް ބިނާވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.