ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) މެދުވެރިކޮށް މި ހިނގާ ޖުލައި މަހު ޢުމްރާއަށް ފުރި ފަރާތްތަކަށް ޚިދުމަތް ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަން މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި އޮޕަރޭޝަން ނިމުމަކަށް އައީ މިއަދު ފުރި ފަހު އުމްރާ ގްރޫޕަށް ބޭނުންވާ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްފަހުގައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ ތެރޭގައި ރާއްޖެއިން ޖުމްލަ 5،565 އަށްވުރެ ގިނަ ޢުމްރާވެރިން ވަނީ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުން ފުރާފައެވެ.
މި އޮޕަރޭޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 100 މީހުންނަށްވުރެ ގިނަ މީހުން ހިމެނޭ ބޮޑެތި ގްރޫޕްތަކަށް ފުރުމުގެ އެއް ދުވަސް ކުރިން "ޕްރީ-ޗެކިން" ހެދުމުގެ ފުރުސަތު ދިނުމެވެ. އެމްއޭސީއެލް އިން ބުނި ގޮތުގައި މި އިންތިޒާމުގެ ސަބަބުން ފޮށިތައް ކުރިއާލާ ޗެކިންކޮށް، ބޯޑިންގ ޕާސް ދޫކުރުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް އަވަސްވެފައެވެ. އަދި މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ޕާސްޕޯޓްތަކުގެ އެޑްވާންސް ކްލިއަރެންސް ހެދުމަކީވެސް ޢުމްރާވެރިންނަށް ލިބުނު ބޮޑު ލުޔެކެވެ.
އެމްއޭސީއެލްގެ އެކި ދާއިރާތައް ކަމަށްވާ ޕެސެންޖަރ ސާވިސަސް، ޓާމިނަލް ސާވިސަސް އަދި އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ގުޅިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގައި، ޢުމްރާވެރިންނަށް ޚާއްޞަ ދޮރަކާއި، ވަކި ކައުންޓަރުތަކެއްގެ އިތުރުން ސެކިޔުރިޓީ ސްކްރީން ކުރާނެ ވަކި މެޝިންތަކެއް ވެސް ވަނީ ބޭނުންކޮށްފައެވެ. މީގެ ސަބަބުން އެހެން ފަސިންޖަރުންނަށް އުނދަގޫނުވާނެހެން، ޢުމްރާވެރިންގެ ކަންކަން ވަރަށް އޮމާންކޮށް ވަނީ ކުރިއަށް ގެންދެވިފައެވެ.
އެއަރޕޯޓުގެ އެތެރޭގެ އިންތިޒާމުތަކުގެ އިތުރުން، ބޭރުގެ ޓްރެފިކް ބެލެހެއްޓުމާއި ޓެކްސީ ކިއުތައް ތަރުތީބުކުރުމުގެ މަސައްކަތްވެސް މި އޮޕަރޭޝަންގެ ތެރެއިން ވަނީ ވަރަށް ފުރިހަމައަށް ކޮށްފައެވެ.
މިފަދަ ބާރުބޮޑު ދުވަސްވަރެއްގައި އުމްރާވެރިންނަށް ދިން ޚިދުމަތްތައް ކާމިޔާބުވީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، އެއަރލައިންތަކާއި، ޢުމްރާ ގްރޫޕްތަކުން ދިން ފުރިހަމަ އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކޮށް އެމްއޭސީއެލް އިން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ދަތުރުވެރިންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.