MTCC

ސައުދީން ޔަމަނު ރައްޔިތުން ހިސޯރު ކުރާ ކަމުގެ ތުހުމަތުތައް ރާއްޖެއިން ކުށްވެރިކޮށްފި

foreign minister

ސައުދީން ޔަމަނު ރައްޔިތުން ހިސޯރު ކުރާ ކަމުގެ ތުހުމަތުތައް ރާއްޖެއިން ކުށްވެރިކޮށްފި

SHARE

ޔަމަނުގެ ރައްޔިތުން ހިސޯރުކުރާ ކަމަށް ބުނެ ހޫތީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ކުރި ތުހުމަތުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ، ހޫތީންގެ ތުހުމަތުތަކާ ގުޅިގެން ސައުދީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް ބުނެފައެވެ. ރާއްޖެއިން މިފަދައިން ބުނެފައި މިވަނީ، ސަޢޫދީން ޔަމަނު ހިސޯރުކޮށް، އެ ޤައުމުގެ ވަސީލަތްތައް އަތުލައި، ޤައުމު ބަންދުކޮށްފައި އޮންނަތާ 12 އަހަރުވެފައިވާ ކަމަށް ބުނެ ހޫތީން މިދިޔަ ހޯމަ ދުވަހު ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޔަމަނުގައި ސުލްހަ ޤާއިމުކުރުމަށާއި އެ ޤައުމުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ސައުދީ އަރަބިއްޔާއިން ދިގު މުއްދަތަކަށް ކުރަމުންދާ މަސައްކަތްތައް ރާއްޖެއިން ބަލައިގަނެއެވެ. މި މަސައްކަތްތަކަކީ ޔަމަނުގެ ޤާނޫނީ ސަރުކާރާ ގުޅިގެން އަދި އދ. ގެ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދީގެން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށްވެސް ރާއްޖެއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ޔަމަނުގެ ތަރައްޤީއަށާއި އިންސާނީ އެހީގެ ގޮތުގައި ސައުދީން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ އެހީތެރިކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ޔަމަނުން ވަނީ ސައުދީއަށް ކުރި ތުހުމަތުތަކުގެ ބަދަލެއްގެ ގޮތުން، އެ ޤައުމަށް ކަނޑުމަގުން ކުރާ ވިޔަފާރިތަކަށް ހުރަސްއަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. ނަމަވެސް ސަޢޫދީން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ޤައުމުގެ ބޯޓުތައް ހިމާޔަތްކުރުމަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ދިވެހި ސަރުކާރުން ވަނީ ރާއްޖެ އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާއާއެކު ގާތް ގުޅުމެއްގައި ކަމަށާއި، ޔަމަނުގެ ސަލާމަތާއި، ރައްކާތެރިކަމާއި، ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ.