MTCC

އިންވެސްޓަރުންގެ އިތުބާރު ގެއްލޭގޮތަށް ފާޑުކިޔައިގެން ނުވާނެ: ސައީދު

dce20c6d-1f0e-4bc0-ad49-df2e783b8011-876x584

އިންވެސްޓަރުންގެ އިތުބާރު ގެއްލޭގޮތަށް ފާޑުކިޔައިގެން ނުވާނެ: ސައީދު

SHARE

ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށާއި، އިންވެސްޓަރުންގެ އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުން ވާހަކަދައްކައި ފާޑުކިޔައިގެން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކަކީ ގައުމުގެ އިގްތިސާދު ރަނގަޅު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދޭ "ސަޕޯޓިވް" ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ފާޑުކިޔުންތައް އަމާޒުކުރި ނަމަވެސް، އެކަމުގެ ސަބަބުން ރާއްޖޭގައި އިންވެސްޓްކުރަން ތިބި ފަރާތްތަކުގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އިންވެސްޓަރުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމެއް ނޫން ސިޔާސީ ޕާޓީތަކުގެ އުސޫލަކަށް ވާންޖެހޭނީ،" މިނިސްޓަރ ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށްވީ ހިނދު، ބައެއް ސިޔާސީ ފަރާތްތަކުން އެ އިތުބާރު ގެއްލޭ ފަދަ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އަދި މިއީ އެންމެހާ ދިވެހި ރައްޔިތުންގެ ގައުމު ކަމަށްވާއިރު، ގައުމުގެ މަސްލަހަތު އިސްކޮށް، އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލުމަށް ދައްކާ ވާހަކަތައް ހުއްޓާލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޚާއްސަގޮތެއްގައި، ހާއްސަ އިގްތިސާދީ ސަރަހައްދު (އެސްއީޒެޑް) ގެ މަޝްރޫއުތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައާއި އެކި މީޑިއާތަކުގައި ހަގީގަތާ ޚިލާފު، ދޮގު މައުލޫމާތު ފަތުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިފަދަ "ފެކްޗުއަލީ" ރަނގަޅު ނޫން ވާހަކަތައް ދެއްކުން ހުއްޓާލުމަށް އިލްތިމާސް ކުރައްވަމުން، މިނިސްޓަރު ވިދާޅުވީ ގައުމުގެ އިގްތިސާދީ ކުރިއެރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.