MTCC

ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

images

ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

SHARE

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް 1.7 ބިލިއަން ޑޮލަރު ވިއްކައި، ބޭރު ފައިސާ ދޫކުރުމުގައި އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.

ބޭންކުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ވިއްކި 1.7 ބިލިއަން ޑޮލަރަކީ، އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު 77 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ޖުލައި 2021 އިން ފެށިގެން ޑިސެންބަރު 2023 އާ ހަމައަށް ބޭންކުން ވިއްކާފައިވަނީ ޖުމލަ 957 މިލިއަން ޑޮލަރެވެ.

މި ކުރިއެރުމާ ގުޅޭގޮތުން ބީއެމްއެލްއިން ބުނީ، ކަސްޓަމަރުންގެ މުހިންމު ބޭނުންތައް ކަމުގައިވާ ތައުލީމު، ބޭސްފަރުވާ، ދަތުރުފަތުރު އަދި ވިޔަފާރީގެ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހައްމިއްޔަތު މި ހިސާބުތަކުން ހާމަވާ ކަމަށެވެ.

ދާއިރާތަކުން ޑޮލަރު ވިއްކި މިންވަރު:

ކާޑު މުއާމަލާތްތައް: ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް 870 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ ކުރީގެ ދެ އަހަރާ ބައިގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު ވިއްކި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ މަހަކު 37.8 މިލިއަން ޑޮލަރަށް އުފުލިފައެވެ.

ޓެލްގްރެފިކް ޓްރާންސްފަރ (ޓީޓީ): 2023 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 10.2 މިލިއަން ޑޮލަރު ޓީޓީ ހެދުމަށް ދޫކުރި އިރު، މިއަހަރު އެ އަދަދު ވަނީ މަހަކު 28 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ތައުލީމާއި ބޭސްފަރުވާ: މި ބޭނުންތަކަށް 2023 ގައި މަހަކު 2.9 މިލިއަން ޑޮލަރު ވިއްކިއިރު، މިއަހަރު މި އަދަދު ވަނީ މަހަކު 5.8 މިލިއަން ޑޮލަރަށް އަރާފައެވެ.

ދަތުރުވެރިންނަށް ނަގުދު ފައިސާ: 2024 އިން 2026 ގެ ޖޫން އަށް ދަތުރުވެރިންނަށް 264 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ ކުރީގެ މުއްދަތާ އަޅައިބަލާއިރު 70 އިންސައްތައިގެ އިތުރުވުމެކެވެ.

ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ބީއެމްއެލްއިން މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައެވެ. 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކިއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ މަހަކު އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ، ބޭރު ފައިސާގެ ޑިމާންޑް ދުވަހުން ދުވަހަށް އިތުރުވަމުންދާ މި ދަނޑިވަޅުގައިވެސް، ރާއްޖޭގެ އިގްތިސާދީ މުހިންމު ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމުގައި ބޭންކުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.