MTCC

ހުރިހާ ގޮތަކުން އެންޑީއޭގެ ކެޕޭސިޓީ އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް

large_thumb_1783143220270

ހުރިހާ ގޮތަކުން އެންޑީއޭގެ ކެޕޭސިޓީ އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް

SHARE

ރާއްޖޭގައި މޫލާފައިވާ މަސްތުވާތަކެތީގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ރާއްޖޭގެ ރީހެބިލިޓޭޝަން ނިޒާމަކީ އިސްލާމީ އުސޫލުތަކާއި މުޖުތަމައުގެ ބައިވެރިވުން ހިމެނޭހެން ހިންގޭ ނިޒާމަކަށް ހަދަންޖެހޭ ކަމަށާއި ހުރިހާ ގޮތަކުން އެންޑީއޭގެ ކެޕޭސިޓީ އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމުގައި އެންމެ މުހިންމު ބިންގަލަކަށް ވާންޖެހޭނީ އިސްލާމްދީނުގެ މާތް އުސޫލުތައް ކަމަށެވެ. އަދި ފަރުވާ ހޯދާ ކުދިންގެ ކިބައިގައި ދީނީ ކަންކަމަށް ލޯބިޖެއްސުމާއި، ނުބައި އަމަލުތަކުން ދުރުހެލިވުމުގެ އަޒުމް ވަރުގަދަކުރެވޭނީ އެ ބިންގަލުގެ މަތީގައި ރީހެބިލިޓޭޝަން ނިޒާމު ބައްޓަންކޮށްގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި "މަތިމަތިން" ކަމެއް ކޮށްލައިގެން ހައްލުވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މި މައްސަލައިގެ އަސްލު ސަބަބުތަކަށް ދިއުމާއި، ވަށާޖެހޭ ހައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެވެ. މި މަސައްކަތުގައި އާއިލާތަކާއި، މަދަނީ ޖަމިއްޔާތަކުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ފަރުވާ ފުރިހަމަކޮށް ނިކުންނަ ކުދިންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ.

" އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެތަން އިތުރަށް ތަރައްގީކުރުމަށް، އެންޑީއޭގެ އެތެރޭގައިވެސް އެބަހުރި ހައްލުކުރަންޖެހޭ ވަރަށް ގިނަ މައްސަލަތައް، ވަރަށް ގިނަ ކަންކަން ނޭދެވޭ ގޮތެއްގައި ހަމަ މުއައްސަސާތަކުގެ ތެރޭގައި ވެެސް ހިނގާތީ މިއަދާ ހަމައަށް އައިއިރުވެސް މިކަން ގޯސްކޮށް މިއޮތީ އައިސްފައި ދެއްތޯ؟ އެންޑީއޭ ރަނގަޅުކުރުމަށް އެބަ ގެންގުޅެން ސިޔާސަތުތަކެއް، އިރާދަކުރެއްވިއްޔާ އެތަނުގެ ތެރެއިން ދެވޭ ފަރުވާތަކާއި، ފަރުވާ ދެވޭ ގޮތާއި، ފަރުވާ ދޭ މުވައްޒަފުން އިތުރުކުރުމާއި، އެބޭފުޅުންގެ ފެންވަރު ރަނގަޅުކުރުމާއި، ހުރިހާ ގޮތަކުން އެންޑީއޭގެ ކެޕޭސިޓީ އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތެކޭ،". ރައީސް ވިދާޅުވިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ހިންގުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މުއައްސަސާގެ ކެޕޭސިޓީ އިތުރުކުރުމަކީ ސަރުކާރުގެ ބޮޑު ސިޔާސަތެއް ކަމަށެވެ. އެގޮތުން ފަރުވާދޭ މުވައްޒަފުން އިތުރުކުރުމާއި، ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، ފަރުވާގެ ނިޒާމަށް އެދި ކިއޫގައި ތިބި މީހުންގެ ލިސްޓަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"މިއީ މަތިމަތިން ސުޕަފިޝަލް ގޮތަކަށް ކުޑަކުޑަ ގޮތަކަށް ކަމެއް ކޮށްލައިގެން ވާވަރު ކަމެއް ނޫން. މަސްތުވާތަކެތީގެ މައްސަލަ ޤައުމުން ފޮހެލާ ކަމަށްވަންޏާ ހަޤީޤީ ރޫޓް ކޯޒް ތަކަށް ދާން ޖެހޭނެ. ދެން އެޔާއެކީ މަސްތުވާތަކެތި އިތުރަށް ފެތުރި މިކަމުގެ ތެރެއަށް ޒުވާނުން ވަންނަ ވަނުން ހުއްޓުވަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެ. މި ދެންނެވި ގޮތަށް ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޖެހެނީ. އެއީ ސަރުކާރުގެ ސިޔާސަތަކީ " ރައީސް ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 12 ރީހެބިލިޓޭޝަން ސެންޓަރެއް ހިންގަމުންދާއިރު، ސަރުކާރުން އަންނަނީ އިތުރު ތިން ރަށެއްގައި އާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެންޑީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ވަނީ ފަރުވާ ފުރިހަމަކޮށްފައެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަކީ އެމަނިކުފާނުގެ މުހިންމު ވައުދުފުޅެއް ކަމަށާއި، މި ނިޒާމުގެ ތެރެއިން ނުކުންނަ ކުދިން އަނބުރާ އެ ވަބާގެ ތެރެއަށް ނުދާނެކަމުގެ ޔަގީންކަން ލިބޭ ފަދަ ހަރުދަނާ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށެވެ.