ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމްއެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ބިލުގެ އިބުތިދާއީ ބަހުސަށްފަހު، މުޅި މަޖިލީހުގެ ކޮމިޓީން ބިލު ދިރާސާކޮށް ނިންމި ގޮތަށް ބިލު ފާސްކުރަން ނިންމީ 69 މެންބަރުންގެ ވޯޓުންނެވެ. މި ބިލަށް ސަރުކާރު ހިންގާ ޕާޓީގެ އިތުރުން އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ވަނީ ވޯޓު ދެއްވާފައެވެ.
މި އިސްލާހުގެ ދަށުން ގެނެވުނު މައިގަނޑު ބަދަލުތަކަކީ:
- ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން ނަގާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުން.
- ސިނގިރޭޓުން ނަގާ އެޑްވެލޮރަމް ޑިއުޓީ 50 އިންސައްތައިން 30 އިންސައްތައަށް ދަށްކުރުން.
- ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ އުފެއްދުންތަކުގެ ޑިއުޓީވެސް މި މިންގަނޑުން ކުޑަކުރުން.
މަޖިލީހުގައި މި ބިލަށް ބަހުސްކުރެއްވި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، ސިނގިރޭޓުގެ ޑިއުޓީ ބޮޑުވުމުގެ ސަބަބުން އަގު އިންތިހާއަށް އުފުލި، ގިނަ ޒުވާނުން ވަނީ ބިޑި އޮޅައިގެން ބޯން ފަށާފައެވެ. މި ބަދަލާއެކު ސިނގިރޭޓު ފޮއްޓެއްގެ އަގު ގާތްގަނޑަކަށް 130 ރުފިޔާއަށް ތިރިވާނެ ކަމަށާއި، މިއީ ޒުވާނުންގެ ކަންބޮޑުވުންތަކަށް ލިބޭނެ ހައްލެއް ކަމަށް މެންބަރުން ވިދާޅުވިއެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ ޑިއުޓީ މާފުކުރުމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު ގާނޫނަށް އަމަލުކުރަން ފަށާނެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކަމާބެހޭ ގަވާއިދުތައް އިސްލާހުކޮށް އާންމުކުރަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.