MTCC

ބީއެމްއެލްގެ ލިމިޓަށް ދޭ ލުއިތައް ވަރަށް އަވަހަށް އާންމު ކުރާނެ: ރައީސް

HL95lWQaUAA8szs

ބީއެމްއެލްގެ ލިމިޓަށް ދޭ ލުއިތައް ވަރަށް އަވަހަށް އާންމު ކުރާނެ: ރައީސް

SHARE

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަނޑައަޅާފައިވާ ޑޮލަރު ލިމިޓްތަކަށް ދޭން ނިންމާފައިވާ ލުއިތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބީއެމްއެލްގެ ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކަށް މިހާރު އޮތް ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ބޭންކުން މަސައްކަތް ކުރަމުންދާ ކަމަށާއި މި ހަފްތާ ނިމޭހާތާ ނުވަތަ އަންނަ ހަފްތާގެ ކުރީކޮޅު ބޭންކުން އެކަންކަން ރަސްމީކޮށް ތައާރަފް ކުރާނެ ކަމަށެވެ.

"ބީއެމްއެލްއިން ވެސް ގެންދަނީ އިތުރު ލުއިތައް ދިނުމަށްޓަކައި މަސައްކަތް ކުރަމުން. މިހާރު މިހަފްތާ ނިމޭހާ ތާނގަ ނޫނީ އަންނަ ހަފްތާގެ ކުރީ ކޮޅު ބީއެމްއެލްއިން އިތުރު ކަންކަން ތައާރަފް ކުރާނެ،" ރައީސް ވިދާޅުވިއެވެ.

ބީއެމްއެލްއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ލުޔެއް ދިނުމަށް ބޭންކުން ދަނީ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. މި ބަދަލާއެކު، ބޭސްފަރުވާއާއި ތައުލީމީ ކަންކަމަށް ރާއްޖެއިން ބޭރަށް ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ޑެބިޓް ކާޑުތަކުން ބޭރުގެ ސައިޓްތަކުން ވިޔަފާރިކުރުމަށް މިހާރު އޮތް ލިމިޓަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. މީގެ ކުރިން 250 ޑޮލަރުގެ ލިމިޓެއް އޮތް ކާޑުތަކުގެ ލިމިޓް މިދިޔަ އަހަރު 500 ޑޮލަރަށް ބޮޑުކުރި ނަމަވެސް، ބޭންކަށް ލިބޭ ޑޮލަރަށް ވުރެ ޑިމާންޑު ބޮޑުވުމުގެ ސަބަބުން ފަހުން ވަނީ ވަކި ލިމިޓްތަކެއް ކަނޑައަޅާފައެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދީ، އިގްތިސާދީ ގޮތުން ފަހި މާހައުލެއް ގާއިމުކޮށްދިނުމަށެވެ. ބީއެމްއެލް އިން ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނުކުރާ ލުއިތަކާއެކު، އާންމު ވިޔަފާރިތަކަށާއި ކިޔަވާ ކުދިންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެއެވެ. އަދި އެއަރލައިން ޓިކެޓް، ހޮޓެލް ބުކިންގް އަދި ހޮސްޕިޓަލްތަކަށް ދައްކާ ފައިސާއަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ލިބެއެވެ. ބޭންކުން ބުނީ މި ލިމިޓްތަކަށް މިއަދަދަށް ބޮޑުކުރި ފަހުން ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.