MTCC

ހުރިހާ މައުލޫމާތެއް ހާމަކުރުމަކީ ދެފުށް ފެންނަ ގޮތަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

ފޮޓޯ: ރައީސް

ހުރިހާ މައުލޫމާތެއް ހާމަކުރުމަކީ ދެފުށް ފެންނަ ގޮތަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

SHARE

ރާއްޖޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި) 2014 ވަނަ އަހަރު ތަސްދީގުކުރި ފަހުން، ފުރަތަމަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާތަކުން މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކަށް %100 އިޖާބަދީފިއެވެ.

މިއީ ދައުލަތް ހިންގުމުގައި ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށް އެޅުނު ތާރީހީ އަދި މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

އާރުޓީއައި ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާންމުކުރަން ޖެހޭ މައުލޫމާތުތައް، އެ ގާނޫނު ތަންފީޒު ކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް ހުރިހާ މިނިސްޓްރީއަކުން ވަނީ އާންމުކޮށްފައެވެ. މިގޮތުން އިދާރާތަކަށް ކަނޑައެޅިފައިވާ ބަޖެޓާއި، ކުރަން ރާވާފައިވާ މަސައްކަތްތަކާއި، ހަރަދުތަކުގެ ތަފުސީލުގެ އިތުރުން، މުވައްޒަފުންނަށް ދެވޭ އުޖޫރައާއި އިނާޔަތްތަކުގެ މައުލޫމާތު ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މީގެ ކުރިން އާންމުންނަށް ލިބުމުގައި ދަތިތަކެއް ހުރި ގިނަ މައުލޫމާތުތަކެއް މިހާރު ހާމަކުރެވިފައިވާ ކަމަށެވެ.

"މި ސަރުކާރުން ގަބޫލުކުރަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ އާންމުންގެ އިތުބާރު ދެމެހެއްޓުމަށާއި، ޑިމޮކްރެޓިކް ނިޒާމެއް ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންތެރި އަސާސެއް ކަމަށް،" ރައީސް ވިދާޅުވިއެވެ.

މި މައުލޫމާތުތައް ހާމަކުރުމުގެ ސިލްސިލާގެ ތެރެއިން އެންމެ ފަހުން މައުލޫމާތު އާންމުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ. މީގެ އިތުރުން ޔޫތު، ޑިފެންސް، ޓޫރިޒަމް އަދި އިސްލާމިކް މިނިސްޓްރީ ހިމެނޭހެން ޖުމްލަ 16 އިދާރާއަކުން ވަނީ ގާނޫނީ މިންގަނޑަށް ފެތޭ ގޮތަށް މައުލޫމާތު ހާމަކޮށް ނިންމާފައެވެ.

އިންފޮމޭޝަން ކޮމިޝަނުންވެސް ވަނީ މި ތާރީހީ ނިންމުން ފާހަގަކުރައްވައި، ހުރިހާ މިނިސްޓްރީއަކުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކޮށްފައިވާތީ އެކަމަށް ތައުރީފު ކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، މައުލޫމާތު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށެވެ. މި މަސައްކަތަކީ ދައުލަތުގެ އިދާރާތައް ޖަވާބުދާރީ ކުރުވުމަށް އެޅުނު ވަރަށް ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.