MTCC

ފަރެސްމާތޮޑާ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

HJ4rauPbIAAU5pC

ފަރެސްމާތޮޑާ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

SHARE

ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރަމުން އެމްޓީސީސީން ބުނީ، ފަރެސްމާތޮޑާގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މިހާރު ވަނީ ދަނޑުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލާފައެވެ.

މި މަޝްރޫއުގެ ދަށުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ މިންގަނޑުތަކަށް ފެންވަރު ރަނގަޅު ޓާފް އެޅުމާއި، ގޯލް ޕޯސްޓު ހަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ އިތުރުން ދަނޑުގެ ވަށައިގެން ފެންސު ޖެހުމާއި، ކުޅުންތެރިންނަށް ބޭނުންވާ ހަތަރު ބެންޗު ބެހެއްޓުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ވަނީ ފުރިހަމަކޮށްފައެވެ.

ގާތްގަނޑަކަށް 1،800 މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާގައި މި ދަނޑު ތަރައްގީވެގެން ދިއުމަކީ އެ ރަށުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި މި ދަނޑާއެކު އެ ރަށުގެ ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބި، ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

މި ސަރުކާރުން ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ނިމިގެންދިޔަ މި މަޝްރޫއަކީ ފަރެސްމާތޮޑާގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެގެންދިޔަ މުހިންމު މަސައްކަތެކެވެ.