ބަލީގެ ހާލަތު ހުރި ގޮތުން އަހަރަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް މީހުންނަށް، އެ މީހުންގެ ޕެންޝަން އެކައުންޓުގައި ހުރި ފައިސާ އެއްފަހަރާ ނެގޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ މި ބިލަކީ، މިމަހު 14 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ފާސްކުރި މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ގުޅިގެން، މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އަމަލުކުރަން ފަށާފައެވެ.
މި އިސްލާހުގެ ދަށުން "ޓާމިނަލް އިލްނަސް" ނުވަތަ ފަރުވާ ދިން ކަމުގައި ވިޔަސް އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ރަސްމީކޮށް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތްތަކުގައި، ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްފަހަރާ ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ބަލިމީހުންގެ ފަހު ދުވަސްތަކުގައި އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގެނެވުނު އިންސާނީ މުހިންމު ބަދަލެކެވެ.
މީގެ އިތުރުން ޕެންޝަން ފަންޑުގައިވާ ފައިސާ ބޭނުންކުރެވޭނެ އިތުރު ހާލަތްތަކެއް ވެސް މި އިސްލާހުގެ ދަށުން ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން:
- ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުން: މީގެ ކުރިން ޕެންޝަން ފައިސާ ކޮލެޓްރަލައިޒް ކުރެވެނީ ހަމައެކަނި ނިމިފައިވާ ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ނަމަވެސް، އަލަށް ގެނައި އިސްލާހާއެކު އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކުރުމަށާއި ގެދޮރު މަރާމާތުކުރުމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނު ކުރެވޭނެއެވެ.
- ޙައްޖުގެ އަޅުކަން: ޙައްޖަށް ދިއުމަށްޓަކައި ކުރިޔާލައި ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
- އަސާސީ ޕެންޝަން: އުމުރުން ދުވަސްވީ މީހުންނަށް ދޭ އަސާސީ ޕެންޝަނަށް ވުރެ ބޮޑު އާމްދަނީއެއް އެހެން ގޮތްގޮތުން ލިބޭ ނަމަ، އެމީހަކަށް އަސާސީ ޕެންޝަން ނުލިބޭނެ ގޮތަށް އުސޫލުތައް ވަނީ މުރާޖާކޮށްފައެވެ.
މި ބިލުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބިދެވޭ ފައިސާއަށްވުރެ ބޮޑު އަަދަދެއްގެ ފައިސާ އެ މީހަކަށް އާމްދަނީގެ ގޮތުހައި ލިބޭ މީހުންނަށް އަސާސީ ޕެންޝަން ލިބިނުދެވޭނެ ކަމަށް ކަނޑައެޅުމާއި، ގެދޮރު އިމާރާތް ކުރުމާއި، ގެދޮރު މަރާމާތް ކުރުމުގެ ބެނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރައިޒް ކުރެވޭނެ ކަން ކަނޑައެޅުމާއި، ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ހާލަތްތަކުގައި އެ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެ ކަަމަށް ކަނޑައަޅައި، އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ގާނޫނުގައި ހިމެނުމަށް ކަމަށް ބުނެފައިވެއެެވެ.