MTCC

މިއަހަރުގެ އަމީރުލް ޙައްޖަކަށް ވަޒީރު ސަޢީދު ހަމަޖައްސަވައިފި

main_20260519_170923

މިއަހަރުގެ އަމީރުލް ޙައްޖަކަށް ވަޒީރު ސަޢީދު ހަމަޖައްސަވައިފި

SHARE

މިއަހަރު ރާއްޖެއިން ޙައްޖުގެ މުޤައްދަސް އަޅުކަމަށް ފުރާ ދިވެހި ޙައްޖުވެރިންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ނުވަތަ އަމީރުލް ޙައްޖުގެ ގޮތުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންކަން ބަލަހައްޓަވާ އެންމެ އިސްފަރާތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަންކުރައްވާއިރު، މިއަހަރުގެ އަމީރުލް ޙައްޖު ވަނީ މިހާރު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށްދާ ހުރިހާ ޙައްޖާޖީން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ. ޙައްޖުވެރިން އުފުލުމަށް މިއަހަރު ޖުމްލަ 4 ފްލައިޓެއް ބޭނުންކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޤައުމީ އެއާލައިން މޯލްޑިވިއަންގެ 2 ފްލައިޓާއި ސައުދީ އެއާލައިންގެ 2 ފްލައިޓެވެ. ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕް ފުރާފައިވަނީ މިއަދުއެވެ.

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ ދަށުން، މިދިޔަ އަހަރުން ފެށިގެން ދިވެހި ޙައްޖުވެރިންނަށް އަންނަނީ "މައްކާ ރޫޓް އިނިޝިއޭޓިވް"ގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މި އިންތިޒާމުގެ ސަބަބުން ސައުދީއަށް އެތެރެވުމުގެ އިމިގްރޭޝަން މަރުހަލާތައް ރާއްޖޭގެ އެއާޕޯޓުން ނިންމާލެވޭތީ، ދިވެހި ޙައްޖާޖީންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދެއެވެ.

މި އަހަރު ރާއްޖެއިން 1،150 އަށްވުރެ ގިނަ މީހުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ. ސަރުކާރުން ވަނީ ޙައްޖާޖީންގެ ކަންކަން ވީހާވެސް އޮމާންކޮށް ގެންދިއުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީފައެވެ.