ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ ސަމާލުކަން ހޯދުމަށް ދަތުރުކުރި އިންސާނީ އެހީގެ އުޅަނދުބަރި "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަށް އިސްރާއީލުން ދިން ހަމަލާތައް ދިވެހިރާއްޖެއާ އެކު ދުނިޔޭގެ 10 ޤައުމެއްގެ ފޮރިން މިނިސްޓަރުން ގުޅިގެން ނެރުއްވި ބަޔާނެއްގައި ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މިކަމާ ގުޅިގެން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބްރެޒިލް، ކޮލަމްބިއާ، އިންޑޮނޭޝިއާ، އުރުދުން، ލީބިޔާ، ޕާކިސްތާން، ސްޕެއިން އަދި ތުރުކީވިލާތުގެ ފޮރިން މިނިސްޓަރުންގެ އިއްތިފާޤުން ނެރުއްވާފައިވާ ގުޅިފައިވާ ބަޔާނެއް ކަމަށެވެ.
މި ބަޔާނުގައި މިނިސްޓަރުން ވަނީ، ސުލްހަވެރި މަދަނީ ހަރަކާތެއްގެ ގޮތުގައި ކުރިއަށްދިޔަ މި އުޅަނދުބަރިއަށް އިސްރާއީލުން އަމާޒުކުރި ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ބާތިލު އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުގައި މީގެ ކުރިންވެސް މިފަދަ އެހީގެ އުޅަނދުފަހަރަށް އިސްރާއީލުން ހުރަސްއަޅައި ހިންގާފައިވާ އުދުވާނުތަކާ މެދު މިނިސްޓަރުން ނުހަނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ފޮރިން މިނިސްޓަރުންގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އެކްޓިވިސްޓުން ހިފަހައްޓައި، އުޅަނދުތަކަށް ހަމަލާދިނުމަކީ ބައިނަލްއަޤުވާމީ މުޖުތަމައުން ބަލައިގަންނާނެ ކަމެއް ނޫނެވެ. އެހެންކަމުން، މިހާރު ހައްޔަރުކޮށްފައިވާ ހުރިހާ އެކްޓިވިސްޓުން ވަގުތުން މިނިވަންކުރުމަށާއި، އެމީހުންގެ އިންސާނީ ކަރާމާތާއި ހައްޤުތަކަށް ފުރިހަމައަށް އިހުތިރާމްކުރުމަށް ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، މި ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުން ތަކުރާރުކޮށް ހިންގާ މިފަދަ އަމަލުތަކުން ހާމަވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށާއި ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް އެ ގައުމުން އިހުތިރާމް ނުކުރާ މިންވަރު ކަމަށެވެ. ބައިނަލްއަޤުވާމީ މުޖުތަމައުން އެފަރާތްތަކުގެ ޤާނޫނީ އަދި އަޚުލާޤީ ޒިންމާ އަދާކޮށް، މަދަނީ އުޅަނދުފަހަރާއި އިންސާނީ އެހީގެ މިޝަންތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
އަދި މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށާއި، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުވާ ފަރާތްތަކަށް އަދަބު ދިނުމަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށްވެސް 10 ޤައުމުގެ ފޮރިން މިނިސްޓަރުން ވަނީ މުޅި ދުނިޔެއަށް ގޮވާލައްވާފައެވެ.