ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް މާލީ ބަޔާން އާންމުކުރައްވައިފިއެވެ.
ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާ، ވިޔަފާރި މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް އޮޑިޓާ ޖެނެރަލަށް ހުށަހަޅަންޖެހެއެވެ.
މިއަދު އާންމުކުރި މާލީ ބަޔާނުގައިވާ ގޮތުން، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް އާމްދަނީގެ ގޮތުގައި ޖުމުލަ 705,024 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ މުސާރައިގެ ގޮތުގައި ލިބުނު 285,024 ރުފިޔާއާއި، ހުޅުމާލޭ ރޯހައުސް ކުލީގެ ގޮތުގައި ލިބުނު 240,000 ރުފިޔާއެވެ. މީގެ އިތުރުން އާއިލާގެ ފަރާތުން ހަދިޔާގެ ގޮތުގައި 180,000 ރުފިޔާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ބޭންކް އެކައުންޓްތަކުގެ ތަފްސީލަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަރަންޓް އެކައުންޓުގައި 184,845.52 ރުފިޔާ ހުރިއިރު، އެ ބޭންކުގެ ސޭވިންގްސް އެކައުންޓުގައި 1,701,470.44 ރުފިޔާ އެބަހުއްޓެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސޭވިންގްސް އެކައުންޓުގައި ހުރީ 1,000 ރުފިޔާއެވެ.
ރައީސް މުޢިއްޒުގެ މިލްކިއްޔާތުގައިވާ މުދަލުގެ ތެރޭގައި މާލޭގައި ހުރި މ. ދިމްޔާތާއި، މ. ފިގްގެ އިތުރުން ހުޅުމާލޭގެ އެމްބާ ޓެރަސްގައި ހުރި ރޯހައުސެއް ހިމެނެއެވެ. އަދި ހއ. ވަށަފަރުގައި އޮންނަ ބިމަކާއި 260,000 ރުފިޔާގެ އަގުހުރި ކާރެއްވެސް އެމަނިކުފާނުގެ މިލްކިއްޔާތުގައިވެއެވެ. މީގެ ތެރެއިން މ. ދިމްޔާތަކީ ވާރުތަވެފައިވާ ބިމެއް ކަމަށާއި، މ. ފިގް އިން ލިބިފައިވަނީ ހިބައިން ދީފައިވާ ބައެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ދަރަނީގެ ގޮތުގައި ރައީސް މުޢިއްޒު މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއަށް 1.3 މިލިއަން ރުފިޔާ ދައްކަން އެބައޮތެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ލިބިވަޑައިގަތް އާމްދަނީގެ ތަފްސީލުވެސް ވަނީ ހިމަނާފައެވެ. އެކަމަނާއަށް ރައީސްގެ އަނބިކަނބަލުންނަށް ދޭ އެލަވަންސްގެ ގޮތުގައި ގާތްގަނޑަކަށް 200,000 ރުފިޔާ ލިބިވަޑައިގެންފައިވާއިރު، ހެލްތު މިނިސްޓްރީގެ ކޮންސަލްޓަންޓެއްގެ ގޮތުގައި 4,927 ރުފިޔާ އަދި ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން 78,000 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ.
މިއީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މާލީ ބަޔާން އާންމުކުރެއްވި ފުރަތަމަ ފަހަރެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުންވެސް މާލީ ބަޔާންތައް އާންމުކުރަމުން ގޮސްފައިވެއެވެ. މިފަދަ ބަޔާންތައް އާންމުކުރުމަކީ ސަރުކާރުގެ ދެފުށް ފެންނަ މިންވަރު ހާމަކޮށްދޭ މުހިންމު ކަމެކެވެ.