މި ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން، މިހާތަނަށް ޑްރާފްޓް މަރުހަލާގައި ހުރި ފޯމުތައް ހިމަނައިގެން 37،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް ފޯމު ހުށަހަޅާފައިވާ 20،000 ފަރާތެއްގެ އިތުރުން، ޑްރާފްޓް މަރުހަލާގައި ނުވަތަ ފޯމު ފުރުމުގެ މަސައްކަތުގައި 17،000 ފަރާތެއް އެބައޮތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފަހަރުގެ ޕްރޮގްރާމުގައި ފުރުސަތު ހުޅުވާލާފައިވަނީ ދެމަފިރިންގެ ތެރެއިން އެއްވެސް މީހެއްގެ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އެކަނި ކަމަށްވާއިރު، މިހާ ގިނަ އަދަދެއްގެ އެޕްލިކޭޝަން ލިބުމަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް މީހުން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
"މި ނަންބަރުން ދައްކުވައިދެނީ ބޯހިޔާވަހިކަމުގެ ދަތިކަން ނުވަތަ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންގެ އަދަދު. އެގޮތަށް ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދާއިރުވެސް މިހާ ބައިވަރު އެޕްލިކޭޝަންތައް ލިބުން ދޭހަކޮށްދެނީ އެކަމަށް ބޭނުންވެފައިވާ ފަރާތްތައް ގިނަކަން،" ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާފައިވާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ސަރުކާރުގައި 1,500 ފްލެޓް އަދި ރައީސް ޔާމީންގެ ސަރުކާރުގައި، އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން 10,000 އަށްވުރެ ގިނަ ފްލެޓް ބިނާކުރެވުނުކަން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ހިޔާ މަޝްރޫޢުގެ 7,000 ފްލެޓާއި ވިނަރެސްގެ 1,344 ފްލެޓް ހިމެނެއެވެ.
މިހާރުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭ ސަރަހައްދުގައި 3,260 ފްލެޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ބީއެމްއެލްގެ ފަންޑާއި، ސައުދީ ފަންޑު އަދި އިންޑިއާގެ އެލްއޯސީގެ ދަށުން ގުޅީފަޅުގައި 4,000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްތައް ފައިނަލްވެފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
ދައުލަތުގެ ދަރަނި ބޮޑުވެ، ބޭރުގެ ލޯނު ހޯދުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި، މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ "އިނޮވޭޓިވް މޮޑެލް" ތަކެއް ބޭނުންކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ހިލޭ ބިންދީގެންނާއި އިންސެންޓިވްސް ދީގެން، ކޮންޓްރޯލް އަގެއްގައި ގެދޮރު ގަނެވޭނެ މަޝްރޫޢުތަކެއް ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާކަމަށްވެސް ވަޒީރު މުއްތަލިބް ވިދާޅުވިއެވެ.