MTCC

ރައީސް ޑރ. މުއިއްޒަށް ޕާކިސްތާނުން ހޫނު މަރުޙަބާއެއް ދަންނަވައިފި

HVIithGaoAAmAV_

ރައީސް ޑރ. މުއިއްޒަށް ޕާކިސްތާނުން ހޫނު މަރުޙަބާއެއް ދަންނަވައިފި

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނަށް އެ ޤައުމުން ރަސްމީ އިއްޒަތުގައި ކުލަގަދަ މަރުޙަބާއެއް ކިޔައިފިއެވެ.

މިއަދު ހެނދުނު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި އޮތް މި ޚާއްސަ ރަސްމިއްޔާތުގައި، ރައީސް ޑރ. މުއިއްޒުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އަރުވައި، ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅުމަށްފަހު ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ އެ ޤައުމުގެ ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިން ރައީސުލްޖުމްހޫރިއްޔާއަށް ތައާރަފުކޮށްދެއްވާފައެވެ. މީގެއިތުރުން، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުން ބޮޑުވަޒީރުގެ ގެކޮޅުގެ ގޯތިތެރޭގައި ރައީސް ވަނީ ހަނދާނީ ގަހެއް އިންދަވައިދެއްވާފައެވެ.

ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދަޢުވަތަކަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ ވޭތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ވެރިއަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ޒިޔާރަތެވެ. އަދި މިއީ ދެ ޤައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރާ ތާރީޚީ މުނާސަބަތާ ވެސް ގުޅިފައިވާ ދަތުރުފުޅެކެވެ. އިއްޔެ ހަވީރު ރައީސްގެ ދެކަނބަލުންނާއި ދިވެހި ވަފުދު އިސްލާމްއާބާދަށް ފައިބައިވަޑައިގަތުމުން އެއާޕޯޓުން ވެސް ވަނީ އެ ދެކަނބަލުންނަށް ޝަރަފުވެރި މަރުޙަބާއެއް ދަންނަވާފައެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން ބަދަހިކުރުމަށްޓަކައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމުގެ ގޮތުން ތަފާތު 20 ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކުރުން މިއަދުގެ ވަގުތެއްގައި އޮންނާނެއެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި އަދި އެޤައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީގެ އިތުރުން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި އެގައުމުގެ އިސް ބައެއް ވަޒީރުންނާއި ވެސް ރައީސް ބައްދަލުކުރައްވާނެ އެވެ.

ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ހެލްތު މިނިސްޓަރު ގީލާ އަލީ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ނަސީރު އާއި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޗީފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީ ވަނީ ޕާކިސްތާނަށް ފުރާވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންނާއި ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.