MTCC
hvdk4kwakaa-451-768x512

ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި

SHARE

ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް އިރުގެ އަލިން ހަކަތަ އުފައްދާ 880 މަގުބައްތި ހަދިޔާކޮށްފިއެވެ.

މި ތަކެތި ރާއްޖެއާ ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިަްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.

ހައުސިން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި މަގުބައްތިތަކަކީ "ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" މަޝްރޫއުގެ ދަށުން ދިވެހިރާއްޖެއަށް ލިބުނު އެހީއެކެވެ. މިއީ ތިމާވެއްޓާ ރައްޓެހި ފެހި ހަކަތަ ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީކުރުމަށް ދެ ގައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ އަލިގަދަ ހެއްކެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ރަށްތަކުގެ މަގުތައް އަލިކުރުމަށާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ މަގުސަދުގައި، ޗައިނާ ސަރުކާރުން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިފަދަ ސޯލާ މަގުބައްތިތައް ހަދިޔާކޮށްފައެވެ. މި އެހީގެ ސަބަބުން ރާއްޖެއިން ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެއެވެ.