MTCC

ފެނަކަ އެމްޑީއަކަށް ހުންނެވި އަފީފު އެންވަޔަރަމެންޓު މިނިސްޓްރީގެ ޑެޕިއުޓީއަކަށް

b_202610151116551792045015.4009

ފެނަކަ އެމްޑީއަކަށް ހުންނެވި އަފީފު އެންވަޔަރަމެންޓު މިނިސްޓްރީގެ ޑެޕިއުޓީއަކަށް

SHARE

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަފީފް ހުސައިން އެ މަގާމުން ވަކިކުރެއްވުމަށްފަހު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ފެނަކައިގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެންނެވި އަފީފް އެ މަގާމުން ވަކިކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އޭނާ ސަރުކާރުގެ އިސް މަގާމަކަށް ބަދަލުކުރެއްވިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.

އަފީފަކީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފެނަކައިގެ އެންމެ އިސް ވެރިޔާގެ މަގާމުން ވަކިކުރެއްވި ތިންވަނަ ބޭފުޅާއެވެ. މީގެކުރިން އެ މަގާމު ފުރުއްވި މުއާޒް މުހައްމަދު ރަޝީދާއި މުހައްމަދު ނަޖާހު ވެސް ވަނީ އެ މަގާމުން ދުރުކޮށްފައެވެ. އޭގެތެރެއިން މުއާޒް މިހާރު ހުންނެވީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައެވެ.

ފެނަކައިގެ ޗެއާމަންކަން ވެސް ކުރިން ކުރެއްވި އަފީފް އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި ކުރު މުއްދަތުގެ ތެރޭގައި، ކުންފުނީގެ ދަރަންޏާއި ހަރަދުތައް ކުޑަކުރުމަށާއި، މުވައްޒަފުންގެ އަދަދު މަދުކޮށް އިދާރީ އޮނިގަނޑު ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުއްވިއެވެ. މީގެއިތުރުން، އެކި ރަށްރަށުގައި ހުރި އިންޖީނުގެތަކުގެ ހާލަތު ދެނެގަތުމަށް ކުރިއަށްގެންދިޔަ މުހިންމު ސާވޭތައް ވެސް ކުރިއަށް ގެންދެވީ އޭނާގެ ބެއްލެވުމުގެ ދަށުންނެވެ.

އަތޮޅުތެރޭގެ ގިނަ ރަށްތަކަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނީގެ ހުރިހާ ޒިންމާތަކާއި ހިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރަން ނިންމާފައިވާކަން ރައީސް ޑރ. މުއިއްޒު ވަނީ މިދިޔަ މަހު އިއުލާނުކުރައްވާފައެވެ.

މި ނިންމެވުމާ ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ، ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކައިގެ ތެރޭގައި ހިންގާފައިވާ ބޮޑެތި ޚިޔާނާތްތަކާއި މައްސަލަތައް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުތަކުން ސާފުވާން އެބައޮތް ކަމަށެވެ. އަދި ފަންނީ ބޭފުޅުންގެ ލަފަޔާއެކު ދިރާސާކުރުމުން، އެ ކުންފުންޏަކީ ދެން ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ތަނެއް ނޫންކަން އެނގިފައިވާތީ، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެޅުނު އެންމެ ރަނގަޅު ފިޔަވަޅަކީ ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް ބަދަލުކުރުން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.