އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ގައުމުގެ އިސްތިގުލާލާ ސީދާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސް ވިދާޅުވީ، ދަނޑުވެރިންގެ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން ގަ އުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، ރާއްޖޭގެ އިޤުތިޞާދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ އަގުހުރި ދައުރު ހަނދާންކޮށްދޭ މުނާސަބަތެއް ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި އަމިއްލައަށް ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރަންޖެހިފައިވާކަން މިއަދު ސާފުވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ ރާއްޖެއިން ބޭރުވާ ބޭރު ފައިސާ ޤައުމުގައި ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެގެންދާނޭ މުހިންމު ސަބަބެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ޢަމާޒަކީ ވަކި އެކަށައެޅިފައިވާ ބާވަތްތައް ބޭރުން އިމްޕޯޓްކުރުމާ ނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލައަށް ހައްދައިގެން ބާޒާރަށް ނެރެވޭނޭ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުވާނޭ ގޮތަށް ކަންކަން މަގުފަހިކޮށްދިނުމުގެ މުހިންމު މަސައްކަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ސާބިތު ޢަޒުމެއް ކަމުގައިވެސް ވިދާޅުވިއެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެންމެހައި ލޮބުވެތި ދަނޑުވެރިންނަށާއި، ދަނޑުވެރި ޢާއިލާތަކަށް އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އިޚުލާޞްތެރިކަމާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.