MTCC

އަންހެން ކުދިން ބާރުވެރިކުރުވުން ރާއްޖޭގެ މުސްތަގުބަލަށް މުހިއްމު: ފަސްޓް ލޭޑީ

މެޑަމް ސާޖިދާ -- ފޮޓޯ:އިޖްތިމާއީ ވުޒާރާ

އަންހެން ކުދިން ބާރުވެރިކުރުވުން ރާއްޖޭގެ މުސްތަގުބަލަށް މުހިއްމު: ފަސްޓް ލޭޑީ

SHARE

ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ، ދިވެހިރާއްޖޭގެ މުސްތަގުބަލު އުޖާލާކުރުމުގައި އަންހެން ކުދިންގެ ދައުރު ވަރަށް މުހިންމު ކަމަށާއި އަންހެން ކުދިން ބާރުވެރިކުރުވުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރާ ހޭދައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ..

މެޑަމް ސާޖިދާގެ ޕޯސްޓުގައި ފާހަގަކުރެއްވީ، ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅަކީ، ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހިތްވަރާއި، ކުރިމަގަށް ހުރި އުންމީދުތަކާއި، ނިމުމެއްނެތް ހުނަރުތަކަށް އިހުތިރާމްކޮށް، އެކުދިންގެ ބާރަށް ސަމާލުކަން ދެއްވަން ޖެހޭ ވަގުތެއް ކަމަށެވެ. އެ ކުދިންނަކީ މުޖުތަމައު ބަދަލުކޮށްލާނެ ބާރެއް ކަމަށާއި، އައު އީޖާދުތަކާއި ލީޑަރޝިޕްގެ ރޮނގުންވެސް ފާހަގަކޮށްލެވޭ ކުދިން ކަމުގައި އެކަމަނާ ސިފަކުރެއްވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، އަންހެން ކުދިންގެ އަޑާއި، ހުނަރާއި، ގާބިލު ލީޑަރޝިޕްގެ ސަބަބުން، އިޖުތިމާއީ ގޮތުން ހަރުދަނާ އަދި ކަންކަމަށް ފަސޭހައިން ގުޑައިނުލެވޭ ވަރުގަދަ މުޖުތަމައުތަކެއް ބިނާކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމަށެވެ. އަދި އަންހެން ކުދިން ބާރުވެރިވެއްޖެނަމަ، އެ ކުދިން ހަމައެކަނި އެ ކުދިންގެ އަމިއްލަ ދިރިއުޅުން ބަދަލުކުރުމުގެ ބަދަލުގައި، މުޅި ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި އަންހެން ކުދިންނާއި ޒުވާން އަންހެނުން ތަޢުލީމާއި، ދައުލަތުގެ ޚިދުމަތްތަކާއި، ވިޔަފާރިއާއި، ކުޅިވަރާއި، އަދި މުޖުތަމައު ބާރުވެރިކުރުވުމުގެ އެކި ހަރަކާތްތަކުން ފާހަގަކޮށްލެވޭފަދަ ބޮޑެތި ކުރިއެރުންތައް ހޯދަމުން އަންނަ މަންޒަރު ފެންނަމުންދާ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އެކުދިންގެ މި އަގުހުރި މަސައްކަތްތަކާއި ހޯދަމުންދާ ކާމިޔާބީތަކަކީ ގައުމު ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށް މެޑަމް ވަނީ ވިދާޅުވެފައެވެ.