ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެކުދިން ކުރިއެރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން އޮތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަށަވަރުކޮށްދެއްވައިފިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ރައީސް މިއަދު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އަންހެން ކުދިންނާއި ޒުވާން އަންހެނުންނަކީ މާދަމާ ގައުމު ހިންގަން ތިބި ލީޑަރުންނަށް ހެދުމަށްޓަކައި، އެކުދިންގެ ގާބިލުކަން ތަރައްގީކުރުމަކީ މި ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން، ރައްކާތެރި އަދި އެހީތެރިކަން ލިބޭ މާހައުލެއްގެ ތެރެއިން ގައުމު ބިނާކުރުމުގެ މަސައްކަތުގައި އެކުދިންނަށް ފުރިހަމައަށް ބައިވެރިވެވޭނެ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އަންހެން ކުދިން ބާރުވެރިކުރުވުމުގެ އަމާޒަށް ވާސިލުވެވޭނީ ހަމައެކަނި ސަރުކާރުގެ މަސައްކަތުން ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ އާއިލާތަކުން ފެށިގެން މުޅި މުޖުތަމައާއި ކަމާގުޅުންހުރި އެންމެހައި ފަރާތްތައް ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެންގެ އަންހެން ދަރިންގެ ކުރިއެރުމަށް ކުރާ އިންވެސްޓަކީ، މާދަމާ އެންމެންނަށް ހަމަހަމަ، ބައިވެރިވުން ބޮޑު އަދި ފާގަތި މުސްތަގުބަލެއް ހޯދުމަށް ކުރެވޭ އިންވެސްޓެއް،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ޑރ. މުއިއްޒުގެ ވަނީ، އަންހެން ކުދިންގެ ހައްގުތައް ކަށަވަރުކޮށްދީ، މުޖުތަމައުގައި އެކުދިންގެ ދައުރު ފުޅާކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ބައިނަލްއަގުވާމީ މުޖުތަމައަށް ދެއްވާފައެވެ.