ރާއްޖޭގެ ސިއްހޯ ދާއިރާގެ މުސްތަޤުބަލު ބައްޓަންވަމުން ދަނީ އުމުރުން ދުވަސްވީ ފަރާތްތަކަށް ފަސޭހަކަމާއެކު ދުޅަހެޔޮ ދިރިއުޅުމެއް ލިބިދެވޭނެ ފަދަ ވެއްޓެއް ޤާއިމުކުރުމުގެ އަމާޒަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ، ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ކ. ކާށިދޫގައި ކުރިއަށްގެންދިޔަ "އިސްރަށްވެހިންގެ ސައްލާ" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިހަފުލާ ބާއްވާފައި ވަނީ، މިއަދު ހެނދުނު ކާށިދޫގައި ހުންނަ، ކ. އަތޮޅު މަދަރުސާގައެވެ
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ފަރުދެއްގެ ދިރިއުޅުމުގައިވެސް ނަފުސާނީ ދުޅަހެޔޮކަމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ވަކިން ޚާއްސަކޮށް، މުޖުތަމަޢުގެ އިސްރަށްވެހިންގެ ނަފުސާނީ ހަމަޖެހުމާއި އުފާވެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ. އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައި އަގުނުކުރެވޭފަދަ ޤުރުބާނީތަކެއް ވެފައިވާ، އަދި މިއަދުގެ ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށްދިން އެންމެ ޤަދަރުވެރި ބިންގާ ކަމުގައި އެކަމަނާ ސިފަކުރެއްވިއެވެ.
މީގެއިތުރުން، އިސްލާމްދީނުގައި ދުވަސްވީ މީހުންނަށް ކަމޭހިތުމަށް ދެއްވާފައިވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ، އެ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފުސާނީ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަކީ ދީނީ ގޮތުންވެސް މުސްލިމުންގެ މައްޗަށް ވާޖިބުވާ ކަމެއް ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ތަޞައްވުރަކީ އިސްރަށްވެހިން ހިނިތުންވުމާއި އުފަލުގައި ދިރިއުޅޭ، ތަހުޒީބު މުޖުތަމަޢެއް ބިނާކުރުން ކަމަށް ބަޔާންކުރެއްވިއެވެ.

ފަހަކަށް އައިސް އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ހުޅުވަމުންދާ މަރުކަޒުތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، އެފަދަ ތަންތަނުގެ ސަބަބުން އެ ފަރާތްތަކަށް ހިތްހަމަޖެހުމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ފުރުޞަތު ފަހިވެފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ކުރިމަގުގައި އެ މަރުކަޒުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
މެޑަމް ވިދާޅުވީ، ކާށިދޫގައި ބޭއްވުނު މިފަދަ މަޝްވަރާ ބައްދަލުވުންތަކުގެ ސަބަބުން، އިސްރަށްވެހިންގެ މެދުގައި ނަފުސާނީ ދުޅަހެޔޮކަމަށް އޮންނަ ހޭލުންތެރިކަން އިތުރުވެ، އެކަކު އަނެކަކާ ޚިޔާލު ބަދަލުކޮށް، ދިިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ފަދައިން، އިސްރަށްވެހިންނަށް ޤަދަރުކޮށް އެމީހުންގެ ނަފުސާނީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ފަހަކަށްއައިސް ހުޅުވިފައިވާ އިސްރަށްވެހިންގެ މަރުކަޒުތަކުގެ ސަބަބުން އެމީހުންގެ އެކަނިވެރިކަން ފިލައި، ނަފުސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލެއް އަންނަމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އެ މަރުކަޒުތަކުގެ ޚިދުމަތް އިތުރަށް ފުޅާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ކަސްރަތު ހަރަކާތާއި "އިސްރަށްވެހިންގެ ސައްލާ" ގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ.