ނަފްސާނީ ދުޅަހެޔޮކަމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި އެކަމަނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން ބިނާވަނީ ދިރިއުޅޭ މުޖުތަމައާއި، ވަށައިގެންވާ މީހުންނާއި، އަދި އަޅުގަނޑުމެންނަށް ލިބޭ އަޅާލުމުގެ މައްޗަށް ކަމަށެވެ. އަދި މިއީ ކޮންމެ ދުވަހަކުވެސް ގޭތެރެއިންނާއި، ސްކޫލްތަކުންނާއި، މަސައްކަތުގެ މާހައުލުން އަދި މުޅި މުޖުތަމަޢުގެ ތެރެއިން ބައްޓަންވަމުން އަންނަ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި، އެކަކު އަނެކަކަށް އަޑުއަހައި، ދޭ އެއްބާރުލުމާއި އެހީތެރިކަމަކީ މިކަމުގައި ވަރަށް ބޮޑު އަދި މުހިންމު ބަދަލެއް ގެނެސްދެވިދާނެ ކަމެކެވެ.
މީގެއިތުރުން، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރާއިރު، ނަފްސާނީ ގޮތުން ގޮންޖެހުންތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަކީ، ހަޤީޤީ އެހީތެރިކަމަކީ ކޮބައިކަން އެންމެ ފުރިހަމައަށް އެނގޭނެ އަގުހުރި ތަޖުރިބާތަކެއް ލިބިފައިވާ ބައެއްކަން ބަލައިގަންނަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމާ މެދު މުޖުތަމައުގައި ގެންގުޅޭ ވިސްނުމާއި ބޭނުންކުރާ ބަސްމަގު ބަދަލުކުރަން ޖެހޭކަމަށް ފާހަގަކުރައްވަމުން، އެހީތެރިކަން ހޯދުމަށް މީހުންނަށް ހިތްވަރުދީ، ބޭނުންވާ ކޮންމެ މީހަކަށްވެސް އެހީތެރިކަން ލިބެން ހުރިކަމުގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
އެކަމަނާ ވަނީ، ނަފްސާނީ ބަލިތަކާ ގުޅުވައިގެން ގެންގުޅޭ ނޭދެވޭ ވިސްނުންތައް (ސްޓިގްމާ) ނައްތާލައި، ކޮންމެ މީހެއްގެ އަޑުވެސް އެހޭ، އަދި އެހީތެރިކަމާއި އެއްބާރުލުން އިޙްސާސްކުރެވޭ ފަދަ އޯގާތެރި މާހައުލެއް ބިނާކުރުމަށް އެންމެހައި ފަރާތްތަކަށް ގޮވާލައްވާފައެވެ.