MTCC

އަމާޒަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ޤާނޫނެއް އެކުލަވާލައި، ނިޒާމު ހަރުދަނާކުރުން: ރައީސް 

saw

އަމާޒަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ޤާނޫނެއް އެކުލަވާލައި، ނިޒާމު ހަރުދަނާކުރުން: ރައީސް 

SHARE

ދިވެހިރާއްޖޭގައި ނަފްސާނީ ސިއްހަތުގެ ފުރިހަމަ ޤާނޫނެއް (މެންޓަލް ހެލްތު އެކްޓް) އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ހަމަހަމަކަމާއެކު އެންމެންނަށް ފަސޭހައިން ލިބޭނެ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން ވެފައިވާ ވައުދު މި ދުވަހާ ގުޅިގެން އަލުން ކަށަވަރުކޮށްދެއްވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ނިޒާމު ބިނާކުރެވޭނީ މިފަދަ ޚިދުމަތްތައް ބޭނުންވާ މީހުންގެ ތަޖުރިބާތަކާއި އަޑުތައް އަހައި، ދިވެހި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުގެ މި އަމާޒަށް ވާސިލުވުމަށްޓަކައި "މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029″ ގެ ދަށުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. މީގެ އިތުރުން ސިޔާސަތުތަކާއި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރެއިން، ޤައުމީ ނަފްސާނީ ސިއްހަތުގެ ސިޔާސަތެއް (ނޭޝަނަލް މެންޓަލް ހެލްތު ޕޮލިސީ) ކަނޑައެޅުމާއި، ޖުމްލަ ހައްލެއް ހިމެނޭ ނަފްސާނީ ސިއްހަތުގެ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަފްސާނީ ސިއްހަތުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޕްރައިމަރީ ހެލްތުކެއާގެ ތެރެއަށް ނަފްސާނީ ސިއްހަތު އިންޓަގްރޭޓް ކުރުމާއި، ރީޖަނަލް އަދި ސްޕެޝަލިސްޓް ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޓެލެ-މެންޓަލް ހެލްތުގެ ޚިދުމަތާއި ކުއްލި ހާލަތްތަކުގައި އިޖާބަދޭ ނިޒާމުތައް (ކްރައިސިސް ރެސްޕޮންސް ސިސްޓަމްސް) ވަރުގަދަ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ބަލިތަކުން ރައްކާތެރިވުމަށާއި، ކުރީބައިގައި ބަލި ދެނެގަނެ ފަރުވާ ދިނުމަށް އިސްކަންދީގެން، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމާއެކު، ކޮންމެ ރަށެއްގައި، ކޮންމެ މުޖުތަމައެއްގައި އަދި އެކަކު އަނެކަކާ ދެމެދު ދެކެވޭ އިޚްލާސްތެރި ވާހަކަތަކުގެ ޒަރީއާއިން އޯގާތެރި ދިވެހިރާއްޖެއެއް ބިނާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.