MTCC

މާލީ ހާލަތު ރަނގަޅުވަމުން އަންނާތީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

DSC_3031

މާލީ ހާލަތު ރަނގަޅުވަމުން އަންނާތީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

SHARE

ރާއްޖޭގެ މާލީ ހަމަޖެހުމާއި އިޤްތިސާދީ ހާލަތަށް އަންނަމުންދާ ހެޔޮ ބަދަލުތައް ބަލައިގަނެ، ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ "މޫޑީސް" އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ 'ސީއޭއޭ 2′ އިން 'ސީއޭއޭ 1′ އަށް ރަނގަޅުކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކަށައަޅައި ތަންފީޒުކުރަމުން އަންނަ ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ކަމަށް އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ. މޫޑީސްގެ މި ނިންމުމާއެކު، ކުރިއަށް އޮތް ކުރު މުއްދަތުގެ ތެރޭގައި ރާއްޖެއަށް ބޭރުގެ ދަރަނި އަދާނުކުރެވިދާނެ ކަމަށް ކުރިން އޮތް ބިރުވެރިކަން ވަރަށް ބޮޑަށް ވަނީ ފިލައިގެން ގޮސްފައެވެ. އެ އެޖެންސީން ބުނެފައިވާ ގޮތުގައި މި ކުރިއެރުން ލިބުނު މައިގަނޑު ސަބަބަކީ ބޭރުގެ ބޮޑެތި މާލީ އިލްތިޒާމުތައް ފުރިހަމަކުރުމުގައި ދިވެހި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކެވެ.

މިގޮތުން، މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު ދައްކައި ޚަލާޞްކޮށްފައެވެ. އަދި މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްތައް ދައްކާފައިވާއިރު، 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑެއް ދެއްކުން 2031 ވަނަ އަހަރަށް ފަސްކުރެވިފައިވާ ކަމަށް މާލީ ވުޒާރާއިން މައުލޫމާތު ދެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ކައިރި މުސްތަޤުބަލުގައި ދަރަނި އަދާކުރުމަށް އޮތް ފިއްތުންތަކަށް ބޮޑު ލުޔެއް ލިބިގެންދިޔައެވެ.

މީގެއިތުރުން، ދަޢުލަތުގެ ރަސްމީ ރިޒާވް ވަރުގަދަވަމުން އައުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރެވޭ ފައިސާ އިތުރުވަމުން ދިޔުމަކީވެސް ރޭޓިންގ މަތިކުރުމަށް މޫޑީސްއިން ރިޢާޔަތްކުރި މުހިންމު ކަންކަމެވެ. އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އެކުވެރި ޤައުމުތަކުގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވަމުން އަންނަކަންވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން 130 މިލިއަން ޑޮލަރުގެ އެހީތެރިކަން މިހާރު ވަނީ ކަށަވަރުކުރެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ދިން 50 މިލިއަން ޑޮލަރާއި، ވޯލްޑް ބޭންކުން ދިން 40 މިލިއަން ޑޮލަރުގެ އިތުރުން އޯޕެކް ފަންޑުން ދިން 40 މިލިއަން ޑޮލަރެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަޢުލަތުގެ ދަރަނި ވަނީ ދަށަށް ގެންދެވިފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ 129.2 އިންސައްތައިގައި ހުރި ދަރަނި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްކުރެވިފައެވެ. މިއީ ދައުލަތުގެ ދަރަނި ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ފިސްކަލް ސިޔާސަތުތަކުގެ ސަބަބުން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.