މާލެ ސަރަޙައްދުގައި ހުރި އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ކޮންޓްރޯލްކުރުމަށްޓަކައި، ޑްރޯން ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ އައު ނިޒާމެއް ތައާރަފުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން ފަށައިފިއެވެ.
މިކަމާ ގުޅޭ މަޢުލޫމާތު ހާމަކުރައްވަމުން "އަހާ" ފޯރަމުގައި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ، ޑްރޯން މެދުވެރިކޮށް އަލިފާން ނިއްވުމުގެ ޢަމަލީ ތަޖުރިބާތައް މިހާރު ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުގައި މި ޒަމާނީ ވަސީލަތް ރަސްމީކޮށް ޚިދުމަތަށް ނެރުން ކަމަށް ހަސަން ރަޝީދު ފާހަގަކުރެއްވިއެވެ.
"މާލޭގައި، މިހާރު އެކަމުގެ އެކްސްޕެރިމެންޓް ވެސް ހެދިއްޖެ. އާދެ ޑްރޯން ބޭނުންކޮށްގެން އުސް އިމާރާތްތަކުގެ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަން. އަޅުގަނޑު ގަބޫލުކުރާ ގޮތައި މި އަހަރު ނިމުމުގެ ކުރިން ނޫނީ އަންނަ އަހަރުގެ ކުރީކޮޅުގައި އެ މަސައްކަތް ފެށޭވަރުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން މި ފިޔަވަޅު އަޅަން ނިންމީ، ވެރިރަށް މާލޭގައި އުސް އިމާރާތްތައް ގިނަވެ، އަލިފާނުގެ ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލޭގައި އަލިފާނުގެ ހާދިސާތައް ގިނަވާ މައިގަނޑު ސަބަބަކީ ތަންތަން މާބޮޑަށް ތޮއްޖެހިފައި ހުރުމާއި، ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް ކަރަންޓު ވައިރުކުރުމުގެ ސަބަބުން ޝޯޓްވުން ކަމަށެވެ. މީގެއިތުރުން، ހަނި ގޯޅިތަކަށް އަލިފާން ނިއްވާ ލޮރީތަކަށް ނުވަދެވުމާއި، މަގުތަކުގައި އަޅާފައިވާ ފަޔަރ ހައިޑްރަންޓް (ފެންހޮޅި) ތަކުގެ މަތީގައި އުޅަނދުތައް ޕާކުކޮށްފައި ހުރުމަކީ ސިފައިންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރެއްވިއެވެ.
މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ހަމައެއާއެކު، ބާޒާރުގައި ވިއްކާ ފެންވަރުދަށް ގޭސް ރެގިއުލޭޓަރުތަކުގެ ސަބަބުން ދިމާވާ ނުރައްކާތައް ހުއްޓުވުމަށް ޚާއްސަ މިންގަނޑުތަކެއް އެކުލަވާލަމުންދާ ކަމަށާއި، ގޭސްފުޅި ރައްކާތެރިކަމާއެކު ބޭނުންކުރުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ވެސް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ދިފާޢީ ވަޒީރު ވިދާޅުވިއެވެ.