އަމީނީ މަގުގައި މަރާމާތުކުރަމުންދިޔަ ސަރަހައްދުގެ މަސައްކަތްތައް ނިންމައި، އަންނަ އާދިއްތަ ދުވަހު އެ ސަރަހައްދު އާއްމު ދަތުރުފަތުރަށް ހުޅުވާލާނެކަމަށް އެމްޓީސީސީން ބުނެފި އެވެ.
އަމީނީ މަގުގެ މާފަންނާ ވީ ފަޅީގެ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެ، ވަޅުގަނޑުތައް ހެދި، އުޅަނދުތައް ދުއްވުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ދިޔުމާ ގުޅިގެން އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ދެ ސެގްމަންޓަކަށް ބަހާލައިގެންނެވެ. އޭގެތެރެއިން އާދިއްތަ ދުވަހު ދުއްވުމަށް ހުޅުވާލުމަށް ތައްޔާރުވެފައިވަނީ ސެގްމަންޓް 1 ގެ ގޮތުގައި ހިމެނޭ، ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދެވެ.
މީގެއިތުރުން ސެގްމަންޓް 2 ގެ ގޮތުގައި، ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރުއަނގޮޅި ކަންމަތީގައި ތާރު އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާލާފަ އެވެ. މި މަސައްކަތުގެ ތެރެއިން އެ ސަރަހައްދުތަކުގައި ކުރިން އަޅާފައިވާ ތާރުގަނޑު އެއްކޮށް ނަގައި، މަގުގެ އަޑީގައިވާ އެކި ނެޓްވޯކްތަކުގެ ހޮޅިތައްވެސް ވަނީ އަލުން ތަރުތީބުކޮށްފަ އެވެ. ތާރު އެޅުމުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ޓްރެފިކް ނިޝާންތައް ކުރެހުމާއި، މަގުގެ ފިނިޝިންގައި ހިމެނޭ އެހެނިހެން މުހިންމު މަސައްކަތްތަކެވެ.