MTCC

ރާއްޖެ އެތެރެކުރި ޕާރުސަލެއް ތެރެއިން 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

2a914898-c90f-4705-b187-f2e0c5ef80c6-876x558

ރާއްޖެ އެތެރެކުރި ޕާރުސަލެއް ތެރެއިން 11 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

SHARE

ކޫރިއާ ޕެކޭޖުތަކެއް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މި ހިނގާ މަހުގެ 7 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންނެވެ. އެއީ ކޫރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ދެ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ޗެކްކުރުމުގެ ތެރޭގައެވެ.

މި ދެ ޕެކޭޖުން ފެނުނު މަސްތުވާތަކެތި ތަހުލީލު ކުރިއިރު، އެތަކެތި ވަނީ ކެނެބިސްއަށް ޕޮޒިޓިވް ވެފައެވެ. އަދި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 11.75 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް އަދި ސާފެއް ނުވެއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް މީގެ ހަތަރު ދުވަސް ކުރިން ވަނީ އަތުލައިގެންފައެވެ. އެގޮތުން އިންޑިއާއިން ރާއްޖެ އައި ދެ ފަސިންޖަރެއްގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި 3.345 ކިލޯ (3،345 ގްރާމް) ގެ ކެނެބިސް ވަނީ އަތުލައިގެންފައެވެ.

ފަހަކަށް އައިސް ވައިގެ މަގުންނާއި ކޫރިއާ ސާވިސްތައް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން ކުރާ މަސައްކަތްތައް ހުއްޓުވުމަށް ކަސްޓަމްސްއިން އަންނަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.