ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ 2026 ވަނަ އަހަރުގެ "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް" ގެ ޝަރަފުވެރި އެވޯޑު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކާމިޔާބުކޮށްފިއެވެ.
މިއީ މި ސަރަހައްދުގެ އެންމެ ފުރިހަމަ އެއާޕޯޓުގެ ލަގަބު ވީއައިއޭ އިން ހާސިލުކުރި 13 ވަނަ ފަހަރެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން ގާލާ ހަފުލާގައި، ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ.
މިއަހަރުގެ އެވޯޑަށް ވީއައިއޭގެ އިތުރުން މަޑަގަސްކަރައިގެ އިވާޓޯ އިންޓަނޭޝަނަލް އެއާޕޯޓާއި، ރީޔޫނިއަންގެ ރޯލަންޑް ގަރޯސް އެއާޕޯޓާއި، ސީޝެލްސް އިންޓަނޭޝަނަލް އެއާޕޯޓް އަދި މޮރިޝަސްގެ ސަރ ސީވޫސަގުރ ރާމްގޫލަމް އިންޓަނޭޝަނަލް އެއާޕޯޓު ވަނީ ވާދަކޮށްފައެވެ. ސަރަހައްދީ ފެންވަރުގައި ނަންވިދާ އެއާޕޯޓުތަކާ ވާދަކޮށް މި އެވޯޑު ރާއްޖެއަށް ލިބުމަކީ، ދަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، ގައުމީ ފަތުރުވެރިކަމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިއީ އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތާއި، އެއާޕޯޓުގެ އުމްރާނީ ތަރައްގީއަށް ގެންނަމުންދާ ބަދަލުތަކުގެ އިތުރުން ޕާޓްނަރުންގެ ފަރާތުން ލިބޭ އެއްބާރުލުމުގެ ނަތީޖާ ކަމަށެވެ. އަދި ރާއްޖޭގެ މައި ދޮރާށިން ދަތުރުވެރިންނަށް ލިބޭ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭނެ ފަދަ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވީއައިއޭގެ ޓާމިނަލްގެ އެކި ސަރަހައްދުތަކަށް ޒަމާނީ ބަދަލުތައް ގެނެސް، އޮޕަރޭޝަންތައް ހަރުދަނާކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، މީގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އެންމެހައި ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ހިތްފަސޭހަ ޚިދުމަތްތަކެއް ކަށަވަރުކޮށްދިނުމެވެ.