މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ރަސްމީ ލިޔެކިޔުންތައް ރައްކާކޮށްފައި ހުރި ލޮކަރުތަކެއް، ހަމަޖެހިފައިވާ އުސޫލުތަކާ ޚިލާފަށް ހުޅުވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލައިގެ ރިޕޯޓް ލިބުމާ ގުޅިގެން ރޭ 19:18 ހާއިރު ފުލުހުންގެ ޓީމެއް ވަނީ އެ ވުޒާރާއަށް ގޮސް ހަރަކާތްތެރިވެފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން، މިނިސްޓްރީގެ މުވައްޒަފުން އެ ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ޗެކްކުރިއިރު، އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއް ވެސް ގެއްލިފައި ނުވާކަން ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ހައުސިންގ މިނިސްޓްރީ ހިމެނޭހެން ސަރުކާރުގެ ދެ ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތަށާއި، މޫސުމީ ބަދަލުތަކާ ބެހޭ ވުޒާރާ ހިންގި ގްރީން ބިލްޑިންގަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެ ހާދިސާއާ ގުޅިގެން އިމާރާތްތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ހައުސިންގ މިނިސްޓްރީގެ އިތުރުން އަލިފާނުގެ އަސަރުކުރި އެހެން ވުޒާރާތަކުގެ އިދާރީ މަސައްކަތްތައް މިހާރު ވަގުތީ ގޮތުން ކުރިއަށް ގެންދަނީ ދަރުބާރުގޭގައެވެ.