މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއާއި، ވިލިމާލޭގައި އަލަށް އިމާރާތްކުރާ "ޗައިނާ–މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"ގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީޝިން ވިދާޅުވެއްޖެއެވެ.
ޗައިނާގެ 77 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ސަފީރު ފާހަގަކުރެއްވި ގޮތުގައި، ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި ދެ މަޝްރޫއަށް ބޭނުންވާ ފައިސާ މިހާރު ވަނީ ފުރިހަމައަށް ހަމަޖެހިފައެވެ. އެގޮތުން ވިލިމާލޭ ހޮސްޕިޓަލުގެ މަސައްކަތް ބިޑިންގ މަރުހަލާގައި އޮތްއިރު، މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު މިހާރު އޮތީ ޑިޒައިން ކުރުމުގެ މަރުހަލާގައެވެ.
މީގެ އިތުރުންވެސް، ރާއްޖޭގެ އެކި ދާއިރާތަކަށް ޗައިނާއިން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، ހަނިމާދޫގައި ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމުގެ މަޝްރޫއެއް ކާމިޔާބުކަމާއެކު ހިންގާފައިވާ ކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލް އިދާރާތައް އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް މިއަހަރުގެ ނިޔަލަށް ހުއްދަ ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު، ސިނަމާލެ ބުރިޖުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ބޭނުންވާ މެއިންޓެނަންސްގެ ހުރިހާ އެހީތެރިކަމެއް ޗައިނާއިން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމަށްޓަކައި އަންނަ އޮކްޓޫބަރު މަހު "ޗައިނާ – މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގައިވެސް ޗައިނާގެ ހިއްސާ ބޮޑުވަމުން އަންނަކަން ސަފީރު ވިދާޅުވިއެވެ. އެގޮތުން މި މަހުގެ މެދަކާ ހަމައަށް 280،000 އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ރާއްޖޭގެ ރަށްރަށުގެ ކައުންސިލް އިދާރާތައް ޢިމާރާތް ކުރުމުގެ މަޝްރޫޢު ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫޢަށް ބޭނުންވާ ހުއްދަތައް (ޕްރޮޖެކްޓް އެޕްރޫވަލް) ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ޗައިނާއިން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތީ ސިޔާސީ ގޮތުންނާއި ތަރައްގީގެ ރޮނގުން ވަރަށް ބަދަހި އިތުބާރެއް ކަމަށް ވަނީ ވިދާޅުވެފައެވެ.