ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ގްރީން ބިލްޑިންގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހުޅުގަނޑު ފަޅައިގެން ގޮސް ފެތުރިގަތީ، އަލިފާން ރޯވެފައި ހުރި ތަންތަން ހޯދައި އެ އިމާރާތުން މީހުން ނެރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މި ހާދިސާއާ ގުޅޭ ތަހުގީގާ ގުޅޭ ތަފުސީލުތައް ހިއްސާކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ދުވަހުގެ ސީސީޓީވީ ފުޓޭޖުތަކާއި ހާދިސާ ހިނގައިދިޔަ ގޮތުގެ ޓައިމްލައިން އާންމުކޮށްފައެވެ. ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި އަލިފާން ރޯވެގެން ސެކިއުރިޓީ ގާޑަކު މަގުމައްޗަށް ނުކުމެ އެހީއަށް އެދުނީ ހެނދުނު 6:15 ހާއިރު ކަމަށެވެ. އަދި މަގުމަތިން ދިޔަ މީހެއްގެ އެހީތެރިކަމާއެކު 6:17 ގައި ސިފައިންނަށް ރިޕޯޓުކުރުމުން، 6:35 ހާއިރު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ.
އަބްދުﷲ ރަޝީދު ގޮތުގައި، އިމާރާތުގައި ބޯކޮށް ދުން ފެތުރިފައިވީ ނަމަވެސް، އަލިފާން ރޯވެފައި ހުރި ސީދާ ދިމާއެއް ފުރަތަމަ ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް ބެލިބެލުމުން ހެނދުނު 7:16 ހާއިރު ސީލިންގު ތެރޭގައި ރޯވެފައި ހުރި ނަރުތަކެއް ފެނިގެން ނިއްވާލި ކަމަށާއި، އޭގެ ފަހުން ވެސް ސީލިންގުގެ އެކި ހިސާބުތަކުގައި އަލިފާން ހުރިކަން އެނގުމުން މީހުން ހުސްކުރުމާއި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް ހުޅުގަނޑު ފަޅައިގެން ގޮސް މުޅި ތަނަށް ފެތުރިގަތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނިއްވާލުމަށްފަހުގައި ވެސް ސީލިން ތެރޭގައި އެކިއެކި ސަރަހައްދުތަކުގެ ތެރޭގައި އަލިފާން ހުރިކަން ފާހަގަކުރެވިގެން ފަޔާ އެންޑް ރެސްކިއުއިން މީހުން އެ ތަނުން ބޭރުކުރުމަށާއި އަދި އަލިފާން ހޯދައި ނިއްވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހުޅުގަނޑު ފަޅައިގެން ގޮސް ފެތުރިގެން ދިޔައީ،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
މި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އެ ދުވަހުގެ މެންދުރު 12:45 ހާއިރު ކަމަށާއި، އެއްކޮށް ނިއްވާލެވުނީ ހަވީރު 15:30 ގައެވެ.
އިމާރާތުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ފުލުހުން ބުނީ، އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކަށް ނުފެނި އެއްވެސް މީހަކަށް އެތަނަށް ނުވަދެވޭނެ ކަމަށެވެ. އަދި ހާދިސާ ހިނގުމުގެ ކުރީ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ދަންވަރު 00:40 އާ ހަމައަށް އެތަނަށް ވަދެނުކުމެފައި ވަނީ ހަމައެކަނި މިނިސްޓްރީގެ މުވައްޒަފުން ކަމަށާއި، އޮފީސް ތަޅުލުމަށްފަހު އެތަނުގައި ތިބީ ދެ ސެކިއުރިޓީން އެކަނި ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ހެނދުނު 6:01 ގައި އައި މަސައްކަތު މީހާ ވެސް އޮފީހުގެ އެތެރެއަށް ވަދެފައި ނުވާކަން ފުޓޭޖުތަކުން ސާފުވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.