ސައުދީ ޢަރަބިއްޔާއަކީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިސާދީ ތަރައްޤީގައި ވަރަށް މުހިންމު އަދި އިތުބާރު ހިފޭ ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނު، ދެ ޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން އަބްދުލްޢަޒީޒް އާލް-ސައޫދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އާލް-ސައޫދަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައެވެ.
ރަސްގެފާނަށާއި ވަލީޢަޙްދަށް ވަކިވަކިން ފޮނުއްވި މި ސިޓީފުޅުތަކުގައި ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަކީ އިސްލާމީ އެއްބައިވަންތަކަމާއި، ދެ ޤައުމުން ހިއްސާކުރާ އިސްލާމީ އަގުތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި އިސްލާމީ އުންމަތުގެ ލާބަޔާއި މަންފާއަށްޓަކައި ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ދޭދޭ އިޙްތިރާމާއި އެއްބާރުލުމުގެ ސަބަބުން މި ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާތަކެއް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ. އަދި ޚާއްޞަކޮށް، ރާއްޖޭގެ ތަރައްޤީއަށް މުހިންމު ބޮޑެތި މަޝްރޫޢުތަކަށް އިންވެސްޓްކުރުން ފަދަ ދާއިރާތަކުން، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާކުރުމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ސައުދީގެ ރަސްގެފާނަށާއި ވަލީޢަހުދަށް ދުޅަހެޔޮ ސިއްހަތާއި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދާއިމީ ސުލްހަމަސަލަސްކަމާއި ފާގަތިކަމަށް އެދިވަޑައިގެން ހެޔޮދުއާ އަރިސްކުރެއްވިއެވެ.
ސައުދީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެކްސް އެކައުންޓް މެދުވެރިކުރައްވައިވެސް މި އިހްސާސްތައް ތަކުރާރުކުރައްވައި ތަހުނިޔާ ވިދާޅުވެފައެވެ.