ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ތެރޭގައި ހިމެނޭ މެންބަރުންގެ މަޖިލީހަށް، އަންހެނުންނަށް ޚާއްސަކޮށްފައިވާ 10 ގޮނޑިއަށް މެންބަރުން އިންތިޚާބުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލީޑަޝިޕްގެ ދަށުން، ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް ވަރުގަދަކުރުމުގެ މަޤްސަދުގައި ކުރިއަށްދިޔަ މި އިންތިޚާބުގައި، އަންހެނުންގެ ގޮނޑިތަކަށް ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.
މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ލިސްޓުގެ އެއްވަނައިގައި ހޮވިވަޑައިގެންނެވީ ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސް މަރްޔަމް ޝިއުނާއެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ ކޮންގްރެސްގެ 931 މަންދޫބުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ޝިއުނާއަކީ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައާއި މީސްމީޑިއާގައި ޕާޓީގެ ސިޔާސަތުތައް ފެތުރުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ، ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.
މި އިންތިޚާބުގައި އަންހެނުންގެ ޚާއްސަ 10 ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަކީ:
މަރްޔަމް ޝިއުނާ
ޝެރީން އަބްދުއްސަމަދު
އާއިޝަތު މުހައްމަދު
ފާތިމަތު ރުހުސާނާ
ފާތިމަތު މިޒުނާ
ފާތިމަތު މުހައްމަދު
އާސިޔަތު ރިޔާސާ
އާމިނަތު ނަމްޒާ
އާމިނަތު ޝުހުދާ
މަރްޔަމް ސާމިޔާ
ވަރަށް ފޯރިއާއެކު ކުރިއަށްދިޔަ ޕީއެންސީގެ މި އެތެރޭގެ އިންތިޚާބުގައި އަންހެނުންގެ ގޮނޑިތަކުގެ އިތުރުން، ޒުވާނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިތަކަށާއި، ހުރިހާ މެންބަރުންނަށް ޢާންމުކޮށް ހުޅުވާލައިގެން ހޮވާ 18 މެންބަރުންގެ ގޮނޑިއަށްވެސް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.
މާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުން 1،300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މަތީ މަޖިލިސް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއަދު ކުރިއަށްދަނީ ޕާޓީގެ އެކި ގުނަވަންތަކަށް ބޭފުޅުން އިންތިހާބުކުރުމަށް ވޯޓް ނެގުމުގެ މަސައްކަތެވެ.