ސިޔާސީ މަސައްކަތަކީ ގޭގެ ފިނި ކޮޓަރިތަކުގައި ތިބެގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ގާތަށް ގޮސް އެމީހުންގެ އިހުސާސްތައް ދެނެގަނެގެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުސީދާ ގޮތެއްގައި ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ވެރިކަންކުރާ ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށްޓަކައި ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ލީޑަރުންނަކީ ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، އާންމު ރައްޔިތުންނާ ގުޅުން ބަދަހިކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ހަގީގީ ސިޔާސީ މަސައްކަތް ފެށެނީ ރައްޔިތުން ދިރިއުޅޭ ގެތަކަށާއި ބަދިގެތަކަށް ވަދެ، ހޮޅުއަށިތަކުންނާއި މަގުމަތިން ރައްޔިތުންނާ ބައްދަލުކޮށް ހާލުއަހުވާލު ބަލައިގެން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
"ސިޔާސީ މަސައްކަތަކީ އެއްގޮތަކަށްވެސް ގޭގައި ތިބެގެން ކުރެވޭނެ ކަހަލަ މަސައްކަތެއް ނޫން. ސިޔާސީ މަސައްކަތް ކުރެވޭނީ މަގުމައްޗަށް ނުކުމެގެން، ކަނޑުމައްޗަށް އަރައިގެން، ފަޅުމަތީގައިވެސް ހިނގައިގެން، ރަށްރަށަށްވެސް ދަތުރުކޮށްގެން، ހޮޅުއަށިތަކަށްވެސް ގޮސްގެން، ބަދިގެއަށްވެސް ވަދެގެން، ގެޔަށްވެސް ވަދެގެން މީހުންނާ ވާހަކަދައްކައިގެން." އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި މިވަނީ، ރައީސް ޔާމީން އުފެއްދެވި ޕީއެންއެފްގެ ސިޔާސީ ޖަލްސާތައް އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުގައި "ޓައުން ހޯލް" ގެ ނަމުގައި ބާއްވަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
އަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ ކޮންމެ ފަންތިއެއްގެ މީހަކާ ވެސް އެކުގައި ސައި މޭޒުގައި އިށީނދެ، އެމީހުންގެ ވާހަކަތައް އަޑުއެހުމުގެ ގާބިލުކަމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ދަތުރުކުރައްވައި، ކައުންސިލްތަކާއި އާންމު ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕީއެންސީގެ މެންބަރުންގެ އަދަދު 3،000 އިން 80،000 އަށް އިތުރުވެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވާންވާނީ ކާމިޔާބީއާއި ނާކާމިޔާބުގެ ވަގުތުގައިވެސް ހިތްވަރުކުރާ ހިތްވަރުގަދަ އެކުވެރި އެއްބައިވަންތަ ބަޔަކަށް. އަޅުގަނޑުމެންގެ ޕާޓީއަކީ ކޮންމެ ކަމެއްގައިވެސް ނަމޫނާ ދައްކާ ޕާޓީއެއް.،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން، މި ސަރުކާރުން ވެރިކަމާ ހަވާލުވީ ބޮޑެތި މާލީ ދަރަނިތަކަކާ އެކުގައި ނަމަވެސް، އެ ދަރަނިތައް ހަލާސްކުރަމުން ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށާއި ތަރައްގީގެ މަޝްރޫއުތަކަށް ހުއްޓުމެއް ނުގެނެސް ކުރިއަށްދާކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
އަދި ޕީއެންސީގެ މަތީ މަޖިލީހުގެ މެންބަރުންނަށް ގޮވާލެއްވީ، ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމަށްޓަކައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ވަރުގަދަ އަޒުމާއެކު ހުއްޓުމެއްނެތި މަސައްކަތް ކުރުމަށެވެ.